ޚަބަރު

ފޮރިން މިނިސްޓަރ ޝާހިދު ޗައިނާއަށް ވަޑައިގަންނަވަނީ


ރާއްޖޭގައި ޗައިނާއިން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރުމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ޗައިނާއަށް ދަތުރުފުޅެއް ކުރައްވާގޮތަށް ހަމަޖެހިއްޖެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ފޮރިން މިނިސްޓަރ މިއަހަރު ޗައިނާއަށް ކުރައްވާ ދަތުރުފުޅާ ގުޅޭގޮތުން ޗައިނާ ސަފީރު ޖަން ލިޖޮންގްއާ ބައްދަލުކުރައްވައި އިއްޔެ މަޝްވަރާ ކުރައްވާފައިވާކަމަށެވެ. ފޮރިން މިނިސްޓަރގެ މިދަތުރުފުޅަކީ ޗައިނާއިން ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަޝްރޫޢުތަކާއި މަސައްކަތްތަކުގެ އިތުރުން، މުސްތަޤްބަލުގައި ދެ ޤައުމު ގުޅިގެން ކުރަން ބޭނުންވާ މަސައްކަތްތަކާ ގުޅޭގޮތުން ދެޤައުމުގެ އޮފިޝަލުން މަޝްވަރާކުރުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

ފޮރިން މިނިސްޓަރާއި ޗައިނާ ސަފީރު އިއްޔެ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޗައިނާއިން ރާއްޖޭގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ޗައިނާ ސަރުކާރުގެ ޚާއްޞަ މަންދޫބެއްގެގޮތުން އެޤައުމުގެ ޓޫރިޒަމް މިނިސްޓަރު ލޮއޯ ޝުގަންގް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާ ސަރުކާރުގެ މަންދޫބާ ބައްދަލުކުރައްވާފައެވެ.