ޚަބަރު

ޑިސެމްބަރުގެ ޖީ.ސީ.ސީ ބައްދަލުވުމާ މެދު ކުވައިތުން ގިނަ އުއްމީދުތަކެއް!


އަންނަ މަހު ސައުދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޛްގައި ބާއްވާ ގަލްފް ކޯޕަރޭޝަން ކައުންސިލް ޖީ.ސީ.ސީގެ ބައްދަލުވުމަކީ ގަލްފްގެ ބާރުތަކުގެ މެދުގައި މިހާރު އޮތް މައްސަލަތަކަށް ހައްލެއް ހޯދުމަށް ލިބިގެންދާނެ ބޮޑު ފުރުސަތެއް ކަމަށް ކުވައިތުގެ ޚާރިޖީ ވަޒީރުގެ ނަޢިބު ވިދާޅުވެއްޖެއެވެ.

ހުސްވި އަހަރުގެ ޖޫން މަހު ގަލްފްގެ ބާރުތައް ކަމަށްވާ ސައުދީ އަރަބިއްޔާ، ޔޫ.އޭ.އީ އަދި ބަހްރައިނުން ވަނީ، ޤަތަރާއެކު އޮތް ސިޔާސީ އަދި ވިޔަފާރީގެ ގުޅުންތައް ކަނޑާލާފައެވެ. އެ ޤައުމުތަކުން ބުނެފައިވަނީ ޤަތަރުން ދަނީ ޓެރަރިސްޓް ޖަމާޢަތްތަކަށް އެހީވަމުން ކަމަށާއި، އެ ޤައުމުން ސަރަހައްދުގެ އެހެން ޤައުމުތަކުގެ ދާޚިލީކަންކަމުގެ ތެރެއަށް ވަންނަމުންދާކަމަށެވެ.

މިކަމާ ބެހޭގޮތުން ވާހަކަދައްކަވަމުން ކުވައިތުގެ ޚާރިޖީ ވަޒީރުގެ ނާއިބު ޚާލިދުލް ޖަރަﷲ ވިދާޅުވީ، އަންނަ މަހު ބާއްވާ ޖީ.ސީ.ސީގެ އިސްވެރިންގެ ސަމިޓުގައި ހުރިހާ ޤައުމަކުގެވެސް އެންމެ އިސް ލީޑަރުން ބައިވެރިވަޑައިގަންނަވާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އަދި މި ސަމިޓް ވެގެންދާނީ ޖީ.ސީ.ސީގެ ތެރޭގައި މިހާރު އުފެދިފައިވާ ދެބަސްވުންތައް ދުރުކުރުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތަކަށް ކަމަށްވެސް ކުވައިތުގެ ޚާރިޖީ ވަޒީރުގެ ނާއިބު ވިދާޅުވިއެވެ.

ޤަތަރާއި ގަލްފްގެ އެހެން ޤައުމުތަކާ ދެމެދު ޖެހިފައިވާ މައްސަލަތައް ހައްލުކުރުމަށް މެދުވެރިއެއްގެ ދައުރު އަދާކުރަމުންދަނީ ކުވެއިތުންނެވެ.