ޚަބަރު

ޕީއެސްއެމް ނިއުސްގެ ވީޑިއޯތަކެއް ޑިލީޓް ކުރި މައްސަލަ ފުލުހުން ބަލަނީ


ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ ނިއުސް ޗެނަލް ޕީއެސްއެމް ނިއުސްގެ އެޑިޓިން ސިސްޓަމުން ވީޑިއޯތަކެއް ޑިލީޓްކޮށްލާފައިވާ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅައިގެން އެ މައްސަލަ ފުލުހުން ތަޙްޤީގު ކުރަން ފަށައިފިއެވެ.

ފުލުހުންނަށް މި މައްސަލަ ޕީއެސްއެމްގެ ފަރާތުން ހުށަހެޅުމާއި އެކު ފުލުހުންގެ ފޮރެންސިކް ޑިޕާރޓްމަންޓުން ވަނީ މިއަދު ޕީއެސްއެމް ނިއުސް ހިންގަމުން އަންނަ ޓީވީ ބިލްޑިންގއަށް އައިސް ތަޙްޤީގަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް ސީސީޓީވީ ކެމެރާގެ ބައެއް ފުޓޭޖުތައް ގެންގޮސްފައެވެ. ރޭގެ ވަގުތެއްގައި ގެއްލުނު މި ވީޑިއޯތަކަކީ މިއަހަރުގެ ތެރޭގައި ހިނގާދިޔަ އެތައް ކަމެއް ވީޑިއޯ ކުރުމަށްފަހު ޕީއެސްއެމް ނިއުސްގެ ސަރވާއެއްގައި އާކައިވްކުރުމަށް ބަހައްޓާފައިވާ ވީޑިއޯތަކެކެވެ.

އެއީ ދުވަހުން ދުވަހަށް ތައްޔާރުކުރާ ޚަބަރަށް ބޭނުންވާ ވީޑިއޯތައް ރައްކާކުރާ ފޯލްޑަރއެކެވެ. މީގެތެރެއިން ޚަބަރަށް ބޭނުން ކުރުމަށްފަހު ބައެއް ވީޑިއޯ އާރކައިވް ކޮށްފައިވީ ނަމަވެސް އަނެއްބައި ވީޑިއޯތަކަކީ އަދި އާރކައިވް ނުކޮށް ހުރި ރޯ މެޓީރިއަލްތަކެކެވެެ. މި ފޯލްޑަރ އެއްކޮށް ޑިލީޓްކޮށްފައިވާއިރު މިކަން ކުރި މީހެއް ފުލުހުންނާއި ގުޅިގެން ހޯދުމުގެ މަސައްކަތް ޕީއެސްއެމްގެ މެނޭޖުމަންޓުން އަންނަނީ ކުރަމުންނެވެ. ގެއްލުނު ވީޑިއޯތައް ކޮންމެވެސް މީހަކު ޑިލީޓްކޮށްފައިވާއިރު، މިހާރު އޭގެ ތެރެއިން ބައެއް ވީޑިއޯ ރިކަވަރ ކުރެވިފައިވާކަމަށް ޕީއެސްއެމުން ބުނެއެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ޕީއެސްއެމްގެ މެނޭޖުމަންޓުންނެވެ. ޕީއެސްއެމްގެ ރޭޑިއޯ ބިލްޑިންގ އާއި ޓީވީ ބިލްޑިންގ އަކީވެސް ސީސީޓީވީ ބަހައްޓައި ސައުވީސް ގަޑިއިރު ސެކިއުރިޓީ ބަލަހައްޓަމުންދާ ތަންތަންކަން ފާހަގަކުރެވެއެވެ. އަދި މި ކެމެރާތަކުގެ ފްޓޭޖުތަކަކީ ރައްކާކޮށް ބަލަހައްޓަމުންދާ ތަކެތިކަންވެސް ފާހަގަކޮށްލެވެއެވެ. އަދި މިތަނުގައި ހުންނަ ސީސީޓީވީ ތައް ރަނގަޅަށް މަސައްކަތްކުރޭތޯ ކޮންމެ ސައުވީ ގަޑިއިރަކުން ބަލައި މޮނީޓަރ ކުރަމުން ދެއެވެ.