ޚަބަރު

ބަޖެޓް ބަހުސް ނިމެންދެން މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށްގެންދަނީ


ބަޖެޓް ބަހުސް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަގުތު އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދު ކުރިއަށްދާ މިއަހަރުގެ ތިންވަނަ ދައުރުގެ 11 ވަނަ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް ވިދާޅުވީ މިއަދަކީ ބަޖެޓް ބަހުސް ކުރިއަށްގެންދާ ފަހު ދުވަސްކަމަށެވެ. މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމާއި ހަމައަށް ބަޖެޓަށް ބަހުސްކުރުމަށް މެންބަރުން އެދިފައިވުމުން، ޖަލްސާގެ ވަގުތު އިތުރުކުރުމަށް ވޯޓަށް ހުޅުވާލުމުން ޖަލްސާގެ ވަގުތު އިތުރުކުރުމަށް ފާސްވީ 40 މެންބަރުން ވޯޓުންނެވެ.

މިމަހުގެ 14 ވަނަ ދުވަހަށް ބަޖެޓް ބަހުސްފެށިއިރު، މިއަދުގެ ޖަލްސާއާ ހަމައަށް ބަޖެޓަށް ބަހުސްކޮށްފައިވަނީ 22 މެނަބަރުންނެވެ. ކޮންމެ މެންބަރަކަށްވެސް ބަޖެޓަށް ބަހުސްކުރުމަށް 15 މިނެޓް ކަނަޑައަޅާފައިވާއިރު، މިއަދުގެ ޖަލްސާގައި ބަޖެޓާއި ގުޅޭގޮތުން ސަރުކާރަށް ތާޢީދުކުރައްވާ މެންބަރުން ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް، އައު ސަރުކާރުން ހުށައެޅި ބަޖެޓަކީ މާލެއެކޭ އެއް ހަމައެއްގައި ރާއްޖޭގެ ރަށްރަށް ތަރައްޤީކުރުމަށް މުހިއްމު މަޝްރޫޢުތަކެއް ހިމަނާފައިވާ ބަޖެޓެއްކަމަށެވެ.

މެންބަރުން ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައިވެސް އަޅާނުލެވި ދޫކޮށްލާފައިވާ ރަށްތައް އެބަހުރިކަމަށާއި، އެރަށްތަކަށް އަންނަ އަހަރުގެ ބަޖެޓުގައި މުހިއްމު ޕްރޮޖެކްޓްތަކެއް ހިމަނާފައިވާކަމަށެވެ.

ބަޖެޓަށް ބަހުސްކުރެއްވި ޕީ.ޕީއެމްއަށް ނިސްބަތްވާ މެންބަރުން ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ފަށާފައިވާ މަޝްރޫޢުތައް ނިންމުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާކަމަށާއި މުހިއްމު އައު މަޝްރޫޢުތައްވެސް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާކަމަށެވެ. ނަމަވެސް ބައެއް ރަށްރަށުގައި ހިންގަން ކުރީގެ ސަރުކާރުން އިއުލާންކޮށްފައިވާ ބައެއް މަޝްރޫޢުތައް ހިމަނާފައިނުވުމަކީ ކަންބޮޑުވާކަމެއް ކަމަށް މެމްބަރުން ވިދާޅުވިއެވެ.

ބަޖެޓް ބަހުސް މަޖިލީހުގައި ކުރިއަށްދާއިރު 2019 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ 29 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ.