ޚަބަރު

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ހިތާނީ ކޭމްޕް ފަށައިފި


ބޮޑު ޗުއްޓީއާ ދިމާކޮށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ކުރިއަށްގެންދާ ހިތާނީ ކޭމްޕް ފަށައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ މީޑިއާ ކޯޑިނޭޓަރ އަލީ މޫސާ ވިދާޅުވީ އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ޙިތާނީ ކޭމްޕް އިއްޔެއިން ފެށިގެން ކުރިއަށްދާކަމަށާއި ޙިތާނު ކުރަނީ ހަފްތާއަކު 4 ދުވަހުގައި ކަމަށެވެ. އެއީ ހޮނިހިރު، އާދިއްތަ، ހޯމަަ އަދި ބުދަ ދުވަހުއެވެ. އަދި މިހާތަނަށް 9 ކުދިންް ޙިތާނުކޮށްފައިވާއިރު 155 ކުދިން ނަންނޯޓު ކޮށްފައިވާކަމަށްވެސް އަލީ މޫސާ ވިދާޅުވިއެވެ.

މި ފަހަރުގެ ހިތާނީ ސީޒަން ކުރިއަށް ދާނީ މި މަހުގެ 18 އިން ޖެނުއަރީ މަހުގެ 9 ވަނަ ދުވަހާ ހަމައަށެވެ. އެހެންވެ މި މުއްދަތުގެ ތެރޭގައި ހިތާނުކުރަން ބޭނުންވާ އާއިލާތަކަށް އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ޑިސެމްބަރު މަހުގެ 10 ނިޔަލަށެވެ. އަދި ޙިތާނުކުރުމަށް ނަންނޯޓު ކުރުވާފަރާތްތަކުން 3 ދުވަސް ކުރިން ޓެސްޓްތައް ހެދުމަށް ހޮސްޕިޓަލުން ބުނެއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ކުރިއަށްގެންދާ ހިތާނީ ކޭމްޕް އަކީ ކޮންމެ އަހަރަކު ވެސް ވަރަށް ފޯރީގައި ކުލަގަދަކޮށް ކުރިއަށްގެންދާ ހަރަކާތެކެވެ.