ސިޔާސީ

ރިވިއުކުރުމަށް ހުށަހެޅި ރައީސް ނަޝީދުގެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލައިފި


ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްސަލަ އަލުން ބަލައިދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެގެން ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްފައިވަނީ ކުރިމިނަލް ކޯޓުގެ އޭރުގެ ގާޒީ އަބްދުﷲ މުހައްމަދު ޤާނޫނާއި ހިލާފަށް ހައްޔަރުކުރި ކުށް ސާބިތުވެގެނެވެ.

ރައީސް ނަޝީދުގެ މައްޗަށް އިއްވާފައި 13 އަހަރުގެ ޖަލު ހުކުމް އަލުން ރިވިއުކޮށްދިނުމަށް އެދި ޕީޖީ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ބާއްވާފައިވާއިރު މި މައްސަލަ ބަލަނީ ސުޕްރީމްކޯޓްގެ ފަސް ފަނޑިޔާރުންގެ ބެންޗުންނެވެ. އުއްތަމަ ފަނޑިޔާރު ޑރ. އަޙުމަދު އަބްދުﷲ ދީދީ ވިދާޅުވެފައިވަނީ މި މައްސަލަ އެ ކޯޓުން ބަލަން ނިންމީ އެ މައްސަލަ މައުޝޫއީ ގޮތުން އެކޯޓުން ބަލާފައިނުވާތީކަމަށެވެ.

މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އޭރުގެ ކުރިމިނަލްކޯޓްގެ އިސްގާޒީ ހައްޔަރުކުރުމުގައި އެމަނިކުފާނުގެ އެއްވެސް ބައިވެރިވުމެއް މަޝްވާރާކުރެއްވުމެއް ނެތްކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް މަރިޔަމް ނިހާޔަތު ވިދާޅުވީ އެ މައްސަލަ މުރާޖަޢާކޮށްދިނުމަށް ސްޕްރީމް ކޯޓުގައި އެދުނީ، އެ ހުކުމާގުޅިގެން ފާހަގަ ކުރެވޭކަންކަން ބަލައިދިނުމަށް ރައީސް ނަޝީދުގެ މަސްލަހަތުގައި އެކިއެކި ފަރާތްތަކުން އެދެމުންދާތީއާއި، އެ މައްސަލައަކީ ޢާއްމު މަސްލަހަތު މަތީ ދަރަޖައަކަށް އޮތް މައްސަލައެއް ކަމަށް ފެންނާތީކަމަށެވެ.

ރައީސް ނަޝީދުގެ ޤަނޫނީ ޓީމުން ބުނީ ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ޤާނޫނު އަސާސީއާއި ޢަދުލު އިންސާފުގެ ނިޒާމުން ބޭރުންކަމަށެވެ. އަދި އެ ނިންމުން ބާތިލުކޮށްދިނުމަށްވެސް ނަޝީދު ޤާނޫނީ ޓީމުން ވަނީ އެދިފައެވެ.

ކްރިމިނަލްކޯޓުން ނިންމާފައިވާ ހުކުމާއި މެދު ޕީޖީން ދެކޭގޮތް ސާފުކުރުމަށް މައްސަލަ ބައްލަވާ ބެންޗުން ކުރެއްވި ސުވާލުތަކަށް ނިހާޔަތު އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

ރައީސް ނަޝީދުގެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ސުޕްރީމް ކޯޓުގައި ބާއްވާފައިވާއިރު، މިއަދުގެ އަޑު އެހުމާއެކު، މި މައްސަލައިގެ އަޑުއެހުންތައް އެ ކޯޓުން ވަނީ ނިންމާލާފައެވެ. އެހެންނަމަވެސް މައްސަލައިގެ ހުކުމް އިއްވުން އޮންނާނެ ދުވަހެއް ސުޕްރީމް ކޯޓުން ހާމަކޮށްފައެއްނުވެއެވެ.

ރައީސް ނަޝީދުގެ މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ ޙުކުމް ތަންފީޒުކުރުން ފަސްކުރުމަށާއި، ކްރިމިނަލް ކޯޓުން ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލުޙުކުމާގުޅިގެން އެމަނިކުފާނާމެދު ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އެކޯޓުން އަމުރުކޮށްފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހެވެ.