ޚަބަރު

ކުޑަކުދިންގެ ހައްޤުތަކާބެހޭ ބިލްތައް އަވަހަށް ފާސްކުރުމަށް އެޗް.އާރު.ސީ.އެމުން ގޮވާލައިފި


ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބިލާއި ޖުވެނައިލް ޖަސްޓިސް ބިލު ވީއެންމެއަވަހަކަށް ފާސްކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ގޮވާލައިފިއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި މަސައްކަތްކުރާ ދުވަހާއި ގުޅުވައިގެން އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ކުޑަކުދިންނަށް ކުރާއަނިޔާ ހުއްޓުވައި، އަނިޔާ ލިބޭ ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމަށްޓަކައި ޑްރާފްޓް މަރުހަލާގައިވާ ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބިލާއި ޖުވެނައިލް ޖަސްޓިސް ބިލު ވީއެންމެއަވަހަކަށް ފާސްކުރަން ގޮވާލާފައިވެއެވެ.

އަދި ދައުލަތުގެ ބެލުމުގެ ދަށުން ހިންގަމުންދާ ކުޑަކުދިންގެ މަރުކަޒުތައް ހިންގުމުގެ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ޤާއިމުކުރަންޖެހޭ ކަމަށާއި، މިކަމާގުޅޭ އިޖްރާޢުތައް ކަމާގުޅުންހުރި ފަރާތްތަކުން ފުރިހަމަކުރަންޖެހޭކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައިވެއެވެ. މީގެއިތުރުން އަނިޔާގެ ޝިކާރައަކަށްވެފައިވާ ކުދިންނަށް އެކަށީގެންވާ ގޮތެއްގައި ނަފްސާނީ އެހީތެރިކަން ދެވޭނެ އިންތިޒާމެއް ޤާއިމުކޮށް، ކުށްކުރާ ކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި މިހާރު ޤާއިމުކުރެވިފައިވާ ކުޑަކުދިންގެ އަދުލުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އެކަށީގެންވާ ހަރުދަނާ ރިހެބިލިޓޭޝަން ނިޒާމެއް ޤާއިމުކުރުމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތްތައް ފޯރުކޮށްދޭން ޖެހިފައިވާކަންވެސް އެޗްއާރުސީއެމްގެ ބަޔަނުގައި ފާހަގަކޮށްފައިވެއެވެ.

މިބަޔާނުގައި ކުޑަކުދިންނަށް ކުރާއަނިޔާ ހުއްޓުވުމަށްޓަކައި ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި މީޑިއާއިން މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތްކޮށް، ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ވީހާވެސް އަވަހަކަށް މިފަދަ މައްސަލަތަކަށް ހައްލު ހޯދޭނެ ގޮތްތައް ޤާއިމުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި މަސައްކަތްކުރާ ދުވަސް ފާހަގަކުރަމުންދާއިރު ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާއިން ވަނީ ކުޑަކުދިންނަށް ޙާއްޞަ އެހީތެރިކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދީފައެވެ. އަދި ކުޑަކުދިންނަށް ލިބިދޭންޖެހޭ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ދިވެހިރާއްޖޭގައި ޤާނޫނުތަކާއި ޤަވާޢިދުތައް ހެދި ދަނީ ތަންފީޒުކުރަމުންނެވެ.