ޚަބަރު

ދިރާގު ފައިބަރ ބްރޯޑްބޭންޑުގެ ޚިދުމަތް ތުޅާދޫގައި ފަށައިފި


ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތާ ދިރާގު ޓީވީގެ ޚިދުމަތް ބ.އަތޮޅު ތުޅާދޫގައި ފަށައިފިއެވެ.

މިރަށުގައި ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ތަޢާރަފުކުރުމުގެ ގޮތުން ވަނީ، ދިރާގުގެ ފައިބަރ ބްރޯޑް ބޭންޑް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށް ޚާއްޞަ ކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަނެއްވެސް ކުރިއަށްގެންގޮސްފައެވެ.

މި ޕްރޮމޯޝަނުގެ ދަށުން ފައިބަރ ޚިދުމަތަށް އެދޭ ފަރާތްތަކަށް، ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަނެއް ދިރާގުން ހިލޭ ގުޅައިދިނުމުގެ އިތުރުން 3 މަސްދުވަސް ވަންދެން ނަގާ ކޮންމެ ބޮރޯޑްބޭންޑް ކަނެކްޝަނަކަށް މަހު ފީގެ ގޮތުގައި، ދައްކާ ޢަދަދުން 25 ޕަސެންޓް ޑިސްކައުންޓް ލިބޭނެއެވެ.

ދިރާގުން ފައިބަރ ނެޓްވާރކް ޤާއިމުކޮށް ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް މިހާރު ބ އަތޮޅުގައި ދެމުންދަނީ ބ.އޭދަފުއްޓާ، ދަރަވަންދޫގެ އިތުރުން މިއަދު ޚިދުމަތް ދޭންފެށީ ތުޅާދޫއަށެވެ.

ބ އޭދަފުށި ދިރާގު އޮޕަރޭޝަން ސެންޓަރުން ބަލަހައްޓަމުންދާ ނ،ރ،ބ،ޅ މި ހަތަރު އަތޮޅުގެ އިތުރު ރަށްތަކެއްގައި މިމަހު މި ޚިދުމަތް ފެށުމަށް ތައްޔާރު ވަމުންދާކަމަށް ދިރާގުން މަޢުލޫމާތުދެއެވެ. ފައިބަރ ބޮރޯޑްބޭންޑް ޚިދުމަތަކީ، 2016 ވަނައަހަރުން ފެށިގެން ދިރަގުން ދެމުން އަންނަ ޚިދުމަތެކެވެ.