ޚަބަރު

ރައީސް ޞާލިޙުގެ ފަރާތްޕުޅުން ރައްޔިތުންނަށް ޖާފަތެއް ދެއްވައިފި


ދުޅަހެޔޮ ހަށިހެޔޮ ޢީދާއި ގުޅުވައިގެން މިރޭ ބޭއްވެވި ޚާއްސަ ޖާފަތެއްގައި ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ބައިވެރިވެވަޑައިގެންފިއެވެ.

އާރޓިފިޝަލް ބީޗު ސަރަޙައްދުގައި ކުރިއަށްދިޔަ މި ޖާފަތުގައި ރައީސުލްޖުމްޙޫރިއްޔާގެ ނާއިބާއި ބައެއް މިނިސްޓަރުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ސިޔާސީ ޕާޓީތަކުގެ ލީޑަރުންވެސް މި ޖާފަތުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ބައިވެރިވެވަޑައިގެންނެވި މި ޖާފަތަކީ ޢާއްމު ރައްޔިތުންނަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ބޭއްވި ޖާފަތަކެވެ. މި ޖާފަތް ބޭއްވުމަށްޓަކައި ބޮޑުތަކުރުފާނު މަގުގެ ބޮޑު ސަރަޙަދެއް ވަނީ ބަންދުވެސްކޮށްފައެވެ.

ރައީސް ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުވެސް ބައިވެރިވެވަޑައިގެންނެވި މި ޖާފަތުގައި ގިނަ ޢަދަދެއްގެ ޢާއްމު ރައްޔިތުންވަނީ ބައިވެރިވަޑައިގެންފައެވެ. އަދި ރައީސް ޞާލިޙާއި ބައެއް ޢާއްމު ރައްޔިތުން ވަނީ ބައްދަލު ކުރައްވާފައެވެ.

މި ޖާފަތުގައި ބައިވެރިވަޑައިގެންނެވި ބައެއް ޢާއްމު ރައްޔިތުން ވަނީ ރައީސް ޞާލިޙުގެ ސަރުކާރަށް ރައްޔިތުން ކުރަމުން އަންނަ އުއްމީދު ޕީއެސްއެމް ނިއުސްއާ ޙިއްޞާކޮށްފައެވެ.

"އަޅުގަނޑުމެން ވަރަށް އުއްމީދުކުރަން ރައީސް އިބޫގެ ސަރުކާރަށް. ވަރަށް ފޮނި އުއްމީދުތަކެއް ކޮށްގެން އަދި ވަރަށް ބުރަ މަސައްކަތް ކޮށްގެން އަޅުގަނޑުމެންނަށް މި ހިސާބަށް މި އާދެވުނީ،" ޢާއްމު ރައްޔިތަކު ވިދާޅުވިއެވެ.

"އަޅުގަނޑު ހަމަ ވަރަށް އުފާވޭ. ރައީސް ޞާލިޙަށް މަރުޙަބާ ދަންނަވަން. އަދި ހަމަ ވަރަށް އުއްމީދުކުރަން ރައީސް ޞާލިޙުގެ ސަރުކާރުން ރައްޔިތުންނަށް ހެޔިޮވެރި ކަމެއް ކޮށްދެއްވާނެ ކަމަށް،" ޢާއްމު ރައްޔިތަކު ވިދާޅުވިއެވެ.

ރައީސް ޞާލިޙު ހުވާ ކުރެއްވުމާއިއެކު ރައްޔިތުންނާއި އެކު ތަފާތު އެކި ޙަރަކާތްތަކުގައި އަންނަނީ ބައިވެރިވަޑައިގަންނަވަމުންނެވެ. އެގޮތުން މިއަދު ހަވީރު ބޭއްވި ދުޅަހެޔޮ ހަށިހެޔޮ ޢީދުގައިވެސް ގިނަ ކުޅިވަރުތަކެއްގައި އެމަނިކުފާނާއި އެމަނިކުފާނުގެ ނާއިބު ފައިސަލް ވަނީ ބައިވެރިވަޑައިގެންފައެވެ.