ޚަބަރު

"ދުޅަހެޔޮ ހަށި ހެޔޮ ޢީދު"ފަދަ އިތުރު ހަރަކާތްތަކެއް ބާއްވާނަން - ރައީސް ޞާލިހް


"ދުޅަހެޔޮ ހަށި ހެޔޮ ޢީދު"ގެ ނަމުގައި ބޭއްވި ކުޅިވަރުގެ ބޮޑު ޢީދުފަދަ އިތުރު ހަރަކާތްތަކެއް ކުރިއަށް އޮތްތަނުގައި ބާއްވާނެކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަދަކީ ވަރަށް ހިތްހަމަޖެހޭ ދުވަހެއްކަމަށާއި މިޙަރަކާތުގައި ޒުވާނުންގެ އިތުރުން އެކި ޢުމުރުފުރައިގެ ރައްޔިތުން އެކި ކުޅިވަރުތަކުގައި ބައިވެރިވާ ތަން ފެނުމަކީ އަޅުގަނޑުމެން ބޭނުންވާ ހަމަޖެހުންކަމަށެވެ.

އަދި ފެނިގެން މިދިޔައީ ހިތްހަމަޖެހިގެން އުޅޭވޭނެ މާޙައުލެއް ކޮންމެ ރައްޔިތަކުވެސް ބޭނުންވާ މަންޒަރުކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ. މިއަދު ފެށި "ދުޅަހެޔޮ ހަށި ހެޔޮ ޢީދު"ގެ ޙަރަކާތްތަކުގައި ބައިވެރިވުމަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވީ މިހަރަކާތުން ދުޅަހެޔޮކަމާއި އެކުވެރިކަން ރައްޔިތުންތަކެއް ފެނިގެންގޮސްފައިވާކަމަށެވެ. އަދި މިރޭ އޮންނަ ޚާއްސަ ޖާފަތަކަށް ރައީސުލް ޖުމްހީރއްޔާ ވަނީ ހުރިހާ ރައްޔިތުންނަށް ދަޢުވަތު އަރުވާފައެވެ. މި ޖާފަތް އޮންނާނީ މިރޭ 8:30 ގައި އާޓިފިޝަލް ބީޗްގައެވެ.

މީގެ އިތުރުން ރައީސް ޞާލިހްވަނީ މިހަރަކާތުގެ ތެރެއިން މާދަމާރޭ ގަލޮޅު ރަސްމީ ދަނޑުގައި އޮންނަ ޚާއްސަ ފުޓުބޯޅަ މެޗްގައި އެންމެން ބައިވެރިވުމަށް އެދިވަޑައިގެންފައެވެ. ކުޅިވަރު އީދުގައި ގިނަ ޙަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި ނައިބްރައީސް ފައިސަލް ނާސީމް ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން ސަރުކާރުގެ ވަޒީރުންނާއި ކުރީގެ ރައީސުންނާއި ސިޔާސީ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ހަރަކާތްތަކުގައި 17ކުޅިވަރު އެސޯސިއޭޝަނަކާއި، 15ޖަމްއިއްޔާއަކުން ބައިވެރިވިއެވެ. މާދަމާރޭ ގަލޮޅު ރަސްމީ ބޯޅަދަނޑުގައި އޮންނަ ޚާއްސަ ފުޓްބޯޅަ މެޗުތަކުގެ ތެރޭގައި ޤައުމީ 19 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ފުޓްބޯޅަ ޓީމުގެ މެޗަކާއި ފުޓުބޯޅައިގެ ލެޖެންޑުން ބައިވެރިވާ ޚާއްޞަ ފުޓުބޯޅަ މެޗަކާއި ސިޔާސީ ފަރާތްތައް ބައިވެރިވާ ފުޓްބޯޅަ މެޗެއް ހިމެނެއެވެ.