ޚަބަރު

އިންޑިއާ، ލަންކާ އަދި މެލޭޝިޔާގައި އުޅޭ ދިވެހިންނަށް އާސަންދަ


އިންޑިއާ، ސްރީލަންކާ އަދި މެލޭޝިޔާގައި އުޅޭ ދިވެހިންނަށް އާސަންދައިގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސަވާނޭކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

އިންޑިއާ، ސްރީލަންކާ އަދި މެލޭޝިޔާގައި އުޅޭ ދިވެހިންނަށް އާސަންދައިގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސަވާނޭކަން އިޢުލާންކޮށްފައިވަނީ، ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ކުރަން ހަމަޖެހިފައިވާ ކަންކަމުގެ އެޖެންޑާގައެވެ.

ސަރުކާރުން ހާމަކުރައްވާ ގޮތުގައި އިންޑިޔާ، ލަންކާ އަދި މެލޭޝިޔާ ގައި ދިރިއުޅޭ ދިވެހިންނަށް އާސަންދައިގެ ޚިދުމަތް ހޯދައިދެވުމުގެ މަސައްކަތް ފުރަތަމަ ނުވަދިހަ ދުވަހުގެ ތެރޭގައި ފެށޭނެއެވެ. ނަމަވެސް އެކަމާ ގުޅޭ މާބޮޑު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.

އިންޑިޔާ، ލަންކާ އަދި މެލޭޝިޔާގައި އުޅޭ ދިވެހިންނަށް އާސަންދައިގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާއިރު، ޞިއްޚީ ޚިދުމަތް ހޯދާ ފަރާތްތަކުގެ އައިޑީ ކާޑު ހަމަވުމުން ޚިދުމަތް ނުދޭ އުޞޫލުވެސް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.