ޚަބަރު

"ދުޅަހެޔޮ ހަށިހެޔޮ" ކުޅިވަރު ޢީދު ފަށައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހު "ދުޅަހެޔޮ ހަށިހެޔޮ" އީދުގެ ކުޅިވަރުތައް ފައްޓަވައި ދެއްވައިފިއެވެ.

ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް ހިމަނައިގެން ކުރިއަށްގެންދާ މިހަރަކާތްތައް ފެށިގެންދިޔައީ އިއްޒުއްދީން ފާލަން ކައިރީގައި ކުރިއަށްދިޔަ މޫދު ކުޅިވަރުގެ ހަރަކާތްތަކުންނެވެ.

ގިނަ ކުޅިވަރުތަކަކާއެކު ކުރިއަށްގެންދާ މިހަރަކާތުގައި ރައީސް ޞާލިހުގެ އިތުރުން، ކުރީގެ ރައީސް މަޢުމޫން އަބްދުލްޤައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް އަދި ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް އައްޝައިޙް އިމްރާން އަބްދުﷲއާއިި ސަރުކާރުގެ އިސްވެރިންން ބައިވެރިވެވަޑައިގަންނަވައެވެ.

ކުޅިވަރު އީދުގައި ބީޗް ވޮލީ، ސާރފިން، ބޮޑީ ބޯރޑިން، ސްކޭޓިން، ފެތުމުގެ ހަރަކާތްތައް، ބައިކް ރައިޑް، ދުވުން، ފިޓްނަސް ހަރަކާތްތަކުގެ އިތުރުންވެސް ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

މި ހަރަކާތްތަކުގައި 17 ކުޅިވަރު އެސޯސިއޭޝަނަކާއި، 15 ޖަމްއިއްޔާއަކުން ބައިވެރިވެއެވެ. މިއީދުގެ ހަރަކާތްތަކުގެ ތެރެއިން މާދަމާ ރޭ ގަލޮޅު ރަސްމީ ބޯޅަދަނޑުގައި ވަރަށް ޚާއްޞަ ފުޓްބޯޅަ މެޗެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ.

މި މެޗުތަކުގެ ތެރޭގައި ޤައުމީ 19 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ފުޓްބޯޅަ ޓީމުގެ މެޗަކާއި ފުޓުބޯޅައިގެ ލެޖެންޑުން ބައިވެރިވާ ޚާއްޞަ ފުޓުބޯޅަ މެޗަކާއި ސިޔާސީ ފަރާތްތައް ބައިވެރިވާ ފުޓްބޯޅަ މެޗެއް ހިމެނެއެވެ.