ޚަބަރު

ރާއްޖެއިން އަނެއްކާވެސް ކޮމަންވެލްތާ ގުޅެނީ


މިހަފްތާ ތެރޭގައި ކޮމަންވެލްތާ ގުޅެން ހުށަހަޅާނެކަމަށް ސަރުކާރުން އިޢުލާންކޮށްފިއެވެ.

ކޮމަންވެލްތާ ގުޅެން ހުށަހަޅާނެކަން ސަރުކާރުން އިޢުލާންކޮށްފައިވަނީ ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންކަން ހިމެނޭ އެޖެންޑާގައެވެ.

ކޮމަންވެލްތާ އަލުން ގުޅެން ސަރުކާރުން ނިންމާފައިވާއިރު ރާއްޖެއާއި ގުޅުން ބަދަހި ކުރަން ބޭނުންވާ ޤައުމުތަކާއި ޚާރިޖީ ގޮތުން ގުޅުން ބަދަހި ކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ ވިދާޅުވެފައެވެ.

"ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް އެހީތެރިވާ އަދި ރާއްޖެއާއި އެކު އެކުވެރި ކަމުގެ ގުޅުން ބަދަހި ކުރަން ބޭނުންވާ ހުރިހާ ޤައުމުތަކާއިއެކު އަޅުގަނޑުމެން ގުޅުން ބަދަހި ކުރާނަން..." ސަރުކާރުގެ ޚާރިޖީ ސިޔާސަތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ކޮމަންވެލްތުގެ މެންބަރުކަން ރާއްޖެއަށް އަލުން ހޯދައިދެއްވުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ އިންތިޚާބީ ވަޢުދެއްކަމުގައިވާއިރު، އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ ޒަޢާމަތުގައި ޚާރިޖީ ސިޔާސަތުގައި އިސްކުރާނީ ރާއްޖޭގެ އެންމެ މަތީ މަސްލަޙަތު ކަމަށެވެ. އަދި ޚާރިޖީ ސިޔާސަތު ބައްޓަން ކުރާނީ އިންސާނީ ޙައްޤުތަކާއި ޑިމޮކްރަސީއާއި ކްލައިމެޓް ޗޭންޖް ޑިޕްލޮމަސީގެ މައްޗަށް ކަމަށްވެސް އެމަނިކުފާނު ރައީސް ޞާލިހު ވިދާޅުވިއެވެ. އެގޮތުން އިންޑިއާ ކަނޑުގެ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ ދައުރު ފުޅާކޮށް، އިންޑިއާއާއި އަވަށްޓެރި ޤައުމުތާއިމެދު އޮތް ގުޅުން ބަދަހި ކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމަންވެލްތާ އަލުން ގުޅެން ސަރުކާރުން ނިންމާފައިވާއިރު، ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވީ 2016 ވަނަ އަހަރު ތެރޭގައެވެ.