ޚަބަރު

ރައީސް ޞާލިހުގެ ފުރަތަމަ 100 ދުވަސް - ފިހަރާތަކާއި ހޮޓާތައް 24 ގަޑިއިރު


ފިހާރަތަކާއި ހޮޓާތައް 24 ގަޑިއިރު ހުޅުވުމުގެ ހުއްދަދިނުމުގެ މަސައްކަތް ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ފެށުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ނިންމައިފިއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހޮޓާތަކާއި ފިހާރަތައް 24 ގަޑިއިރު ހުޅުވުމަށް ނިންމާފައިވާއިރު، އެކަމާ ގުޅޭ އުޞޫލުތައް ކަނޑައަޅާފައިވާ ރައީސް އޮފީހުން ބުނެއެވެ. ނަމަވެސް އޭގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފިހާރަތަކާއި ހޮޓާތައް 24 ގަޑިއިރު ހުޅުވަން ހުއްދަ ދެއްވާފައިވަނިކޮށް، އެކަން ހުއްޓުވީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުންނެވެ. އެގޮތުން ހޮޓާ އަދި ކެފޭތައް ރޭގަނޑު އެކެއް ޖަހާއިރު އަދި ފިހާރަތައް ރޭގަނޑު ދިހައެއް ޖަހާއިރު ބަންދުކުރާގޮތަށް ރައީސް ވަޙީދުގެ ސަރުކާރުން ހަމަޖެއްސެވިއެވެ. އޭރު ރައީސް ވަޙީދުގެ ސަރުކާރުން ބުނީ މިއީ ކުށް މަދުކުރުމަށް ކުރާކަމެއްކަމަށެވެ.

އޭގެ ފަހުން ރައީސް ޔާމީންގެ ސަރުކާރުގައި އަނެއްކާވެސް ވިޔަފާރިކުރާ ތަންތަން ހުޅުވާފައި ހުންނަ ވަގުތުތަކަށް ބަދަލު ގެނައެވެ. އެގޮތުން ކެފޭ އަދި ހޮޓާތައް ރޭގަނޑު ބާރަ ޖަހާއިރު، އަދި ފިހާރަތައް ރޭގަނޑު ދިހައެއް ޖަހާއިރު ބަންދުކުރާ ގޮތަށް ހަމަޖެއްސިއެވެ.

ރައީސް ޞާލިހުގެ ސަރުކާރުން ކެފޭތަކާއި ފިހާރަތައް 24 ގަޑިއިރު ހުޅުވުމަށް ނިންމާފައިވާއިރު ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ވިޔަފާރީގެ ދާއިރާއަށް އިތުރު ބަދަލުތައް ގެންނަން ވަނީ ނިންމާފައެވެ. މިގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން އެސް.އެމް.އީ ބޭންކުގެ ޚިދުމަތް ދިނުމާއި ކޮންސިއުމަރ ޕްރޮޓެކްޝަން ޤާނޫނާއި އެންޓި-ޓްރަސްޓް ޤާނޫނު މަޖިލީހަށް ހުށަހެޅުން ހިމެނެއެވެ. އަދި ވިޔަފާރިތަކަށް ދަތިވާގޮތަށް ހަދާފައި ހުރި އެކި ޤަވާއިދުތައް ބަދަލުކުރެވިގެންދާނެކަމަށް ވެސް ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ނިންމާފައިވާ ކަންކަމުގެ ތެރޭގައި ހިމެނެއެވެ.