ޚަބަރު

ޖުމްހޫރީ ފަންސާހަށް ޚާއްޞަ ބެޖެއް ސްކައުޓް އެސޯސިއޭޝަނުން ތަޢާރަފުކޮށްފި


ދިވެހިރާއްޖޭގެ ޖުމްހުރިއްޔާއަށް 50 އަހަރު ފުރުމާއި ޖުމްހޫރީ އައު ދައުރެއްގެ ފެށުން ފާހަގަކުރުމުގެ ގޮތުން ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ޚާއްޞަ ބެޖެއް ތަޢާރަފުކޮށްފިއެވެ.

ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ ޖުމްހޫރީ ފަންސާހާއި އައު ޖުމްހޫރީ ދައުރު ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް އެ އެސޯސިއޭޝަނުން ނިންމާފައިވާކަމަށެވެ. އެގޮތުން ޖުމްހޫރީ ދުވަހާއި ގުޅުންހުރި ޚާއްޞަ “ކޮމެމަރޭޓިވް” ބެޖެއް ތަޢާރަފުކުރުމަށް ހަމަޖެހިފައިވާކަމަށް ސްކައުޓް އެސޮސިއޭޝަންއިން ބުނެއެެވެ.

މި ކޮމެމަރޭޓިވް ބެޖު މިއަހަރުގެ ޑިސެމްބަރު 15އިން ފެށިގެން އަންނަ އަހަރުގެ ނޮވެމްބަރު 17ގެ ނިޔަލަށް ސްކައުޓް ކުދިންގެ ޔުނިފޯރމްގައި ބޭނުންކުރެވޭނެއެވެ. އަދި ޑިސެމްބަރު މަހުގެ 15 އިން ފެށިގެން މިބެޖް ސްކައުޓް އެސޯސިއޭޝަނުން ލިބެން ހުންނާނެކަމަށް އެއެސޯސިއޭޝަނުން ބުނެއެެވެ.

ސްކައުޓް އެސޯސިއޭޝަނުން ބުނީ މިފަދަ ކަންކަމަކީ ކުދިންގެ ހިތްތަކުގައި ޤައުމީ ރޫޙު އާލާކޮށް ޤައުމިއްޔަތު އިތުރަށް ވަރުގަދަކޮށްދޭނެކަމެއްކަމަށެވެ. އައު ޖުމްހޫރިއްޔާއަކަށް ރާއްޖެ މަރުޙަބާ ކިޔާފައިވާއިރު ކުރިއަށްއޮތް ދުވަސްތަކުގައި މިފަަދަ އިތުރު ކަންތައް ކުރުމަށް ރާވާފައިވާކަމަށް ސްކައުޓް އެސޯސިއޭޝަނުން ބުނެއެވެ.
މީގެ އިތުރަށް ޖުމްހޫރީ އައު ދައުރެއް ފާހަގަކުރުމުގެ ގޮތުން ނޮވެމްބަރު 17، 18 އަދި 19 މި ތިން ދުވަހު ހުރިހާ ރަށްތަކުގައާއި ގޭބީސީތަކުގައާއި އުޅަނދުތަކުގައި ވީހާވެސް ގިނައިން ޤައުމީ ދިދަ ބޭނުންކުރުމަށް ސްކައުޓް އެސޯސިއޭޝަނުން އިލްތިމާސްކުރެއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއަށް 50 އަހަރު ފުރުނީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގައެވެ. އެހެންނަމަވެސް ޖުމްހޫރިއްޔާގެ އައު ދައުރެއް ފަށައި ދެވަނަ ޖުމްހޫރިއްޔާގެ ރައީސްކަމުގެ ހުވައި ކުރައްވާފައިވަނީ ނޮވެމްބަރު 17 ގައެވެ.