ޚަބަރު

މިނިސްޓަރ ޝާހިދު، ފަލަސްތީނުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައިފި


ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު، ފަލަސްތީންގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް އެކްސްޕެޓްރިއޭޓްސް، ޑރ. ރިއާދް މަލްކީއާ ބައްދަލުކުރައްވައިފިއެވެ.

ކުރުނބާ މޯލްޑިވްސްގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ މަލްކީއަށް މަރުޙަބާ ދަންނަވައި ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ދިވެހިރާއްޖެއަށް ޒިޔާރަތް ކުރެއްވިކަމަށްޓަކައި ފޮރިން މިނިސްޓަރ ޝުކުރު ދެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި އެކި ދާއިރާތަކުން ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މިނިސްޓަރ ޝާހިދު އާއި މިނިސްޓަރ މަލްކީ މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ފޮރިން މިނިސްޓަރ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ ބައިލެޓްރަލް، ޢަހްމަދު ޚަލީލް އާއި ޑިރެކްޓަރ، ޢަބްދުލްވާރިޘް ސަޢީދު އަދި އެސިސްޓަންޓް ޑިރެކްޓަރ މަރިޔަމް ބައްސާމާ ފާރޫޤް ‏ބައިވެރިވެވަޑައިގެންނެވިއެވެ.