ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ބޭރުގެ ޢިއްޒަތްތެރިންނާ ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން، ‏ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭރުގެ އިއްޒަތްތެރިންނާ ބައްދަލުކުރައްވައިފިއެވެ.

ކުރުނބާ މޯލްޑިވްސްގައި ބޭއްވި މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނާޞީމާއި އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު ޝަމްޞަދާއާއި، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމްގެ އިތުރުން، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު އަބްދުﷲ ދީދީ ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އާއި ނާއިބް ރައީސް ފައިސަލް ނަސީމް ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ސާޅީހަށްވުރެ ގިނަ ގައުމެއްގެ، މަތީ ފެންވަރުގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއިރު، ރޭގެ ބައްދަލުކުރެއްވުމުގައި އޭގެތެރެއިން ގިނަބަޔަކު ބައިވެރިވެ ރަޢީސުލްޖުމްޙޫރިއްޔާއަށް މަރުހަބާ ދެންނެވިއެވެ.

މިބައްދަލުކުރެއްވުމުގައި ބޭރުގެ ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންނާއި، ބައިނަލްއަޤްވާމީ ޖަމިއްޔާ ޖަމާޢަތްތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުންނާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު، ފައިސަލް ނަސީމްގެ ދެ ކަނބަލުންނަށް މަރުހަބާ ދެންނެވިއެވެ.