ތަޢުލީމު

އާ މަންހަޖުގެ ފޮތްތައް މިމަހުގެ 31 ފެށިގެން ސްކޫލްތަކަށް ފޮނުވަނީ


ރާއްޖޭގެ ސްކޫލްތަކުގައި އަންނަ އަހަރު ތަންފީޒުކުރަން ފަށާ ޤައުމީ އާ މަންހަޖުގެ ދަށުން ކިޔަވައިދޭނެ ފޮތްތައް މިމަހުގެ އެއްތިރީހުން ފެށިގެން ސްކޫލްތަކަށް ފޮނުވަމުންދާނެކަމަށް، އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.އެމް.ބީ.ސީ ނިއުސްއަށް މައުލޫމާތުދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓްމިނިސްޓަރ ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ، އަންނަ އަހަރު އާމަންހަޖުގެ ދަށުން ކިޔަވައިދޭން ފަށާ ގްރޭޑްތަކަށް ބޭނުންވާ ފޮތްތަށް އުފައްދާ ޝާޢިއު ކުރުމުގެ މަސައްކަތް ނިމުމަކާއި ހަމައަށް ގޮސްފައިވާކަމަށާއި،އާމަންހަޖުގައިވާ ކަންކަމަށް މުދައްރިސުންނާއި، ސްކޫލްތަކުގެ އިސްވެރިން  އަހްލުވެރިކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި ބެލެނިވެރިން އަހްލުވެރިކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.އާ މަންހަޖުގެ ދަށުން އުފައްދާ ފޮތްތަކާއި ޓީޗަރުންގެ ގައިޑް ފޮތްތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރިޔަށްގެންގޮސްފައިވަނީ ރާއްޖޭގެ ކަރިކިއުލަމް ޑިވޮލޮޕަރުންކަމަށާއި، މަތީ ގްރޭޑްތަކަށް ބޭނުންވާ ޓެކްސްޓް ފޮތްފަދަ ތަކެތި ތައްޔާރުކުރުމުގެ މަސައްކަތް ކުރިޔަށްގެންގޮސްފައިވަނީ، ކެމްބްރިޖް ޔުނިވަރސިޓީއާ ގުޅިގެންކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.އާ މަންހަޖު ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް އަންނަ އަހަރު ތައާރަފްކުރެވޭއިރު، އަންނަ އަހަރު މި މަންހަޖު ތަންފީޒުކުރެވޭނީ ގްރޭޑް އެކަކުން ތިނަކަމަށް އެޑިއުކޭޝަނުން ހާމަކުރެއެވެ.އަންނަ އަހަރު ތައާރަފްކުރާ އާމަންހަޖުގައި، މިހާރު ސްކޫލްތަކުގައި ބޭނުންކުރާ ބިޒްނަސް ސްޓްރީމް އަދި ސައިންސް ސްޓްރީމްގެ އިތުރުން އާ ސްޓްރީމެއްގެ ގޮތުގައި މަސައްކަތްތެރިކަމުގެ ސްޓްރީމް ތަޢާރަފްކުރެވިގެންދާއިރު، ދިވެހިވަންތަކަމާ ދިވެހިންގެ ޘަޤާފަތަށް ލޯބިކުރުމުގެ ސިފަ ކުދިންގެ ކިބައިގައި އަށަގެންނެވުމުގެ ގޮތުން އިޖްތިމާއީ އިލްމުގެ މާއްދާ  ގްރޭޑް އެކަކުން ދިހައަކަށް  ކިވައިދޭގޮތަށް ނިންމަވާފައިވާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.