ޚަބަރު

ހުރަވީ ސްކޫލަށް ވަނުމަށް އެދި ގާތްގަޑަކަށް 600 ކުދިން ރަޖިސްޓްރީ ކޮށްފި


ހުޅުމާލޭ ނެއިބަރހުޑް އެކެއްގައި ޢިމާރާތްކުރާ "އެން-ވަން" ސްކޫލް ނުވަތަ ހުރަވީ ސްކޫލަށް ވަނުމަށް އެދި ގާތްގަޑަކަށް 600 އެއްހާ ކުދިން ރަޖިސްޓްރީ ވެފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު މި ސްކޫލްގައި ކިޔަވައިދިނުމަށް ނިންމާފައިވާއިރު މިއީ ހުޅުމާލޭގައި މިހާތަނަށް ޢިމާރާތް ކުރާ އެންމެ ބޮޑު ސްކޫލެވެ.

އަންނަ ދިރާސީ އަހަރު ކިޔަވަންފަށަން ޢަމާޒުކޮށް ހުޅުމާލޭގައި އިމާރާތްކުރާ ހުރަވީ ސްކޫލަށް ދަރިވަރުން ވެއްދުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. މިގޮތުން މިހާތަނަށް އެ ސްކޫލަށް ވަންނަން އެދި ގާތްގަނޑަކަށް 600 އެއްހާ ކުދިން ރަޖިސްޓްރީ ވެފައިވާއިރު އަންނަ އާދިއްތަ ދުވަހުން ފެށިގެން ދަރިވަރުން ސްކޫލަށް ވެއްދުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީން ފޯރމް ދޫކުރަން ފަށާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ޕީއެސްއެން ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހުރަވީ ސްކޫލުގެ ޕްރިންސިޕަލް ޢަބްދުﷲ ރަޝީދު ވިދާޅުވީ ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ސްކޫލަށް ބޭނުންވާ މުދައްރިސުން ހޯދުމުގެ މަސައްކަތް ފަށާނެކަމަށާއި އުއްމީދަކީ ޑިސެމްބަރު މަހު ނިޔަލަށް މުދައްރިސުންނާއި އިދާރީ މުވައްޒަފުން ހަމަކުރުންކަމަށެވެ. މިގޮތުން އެ ސްކޫލަށް 60 އެއްހާ މުދައްރިސުންނާއި 30 ހަކަށް އިދާރީ މުވައްޒަފުން ހޯދުމަށް ހަމަޖެހިފައިވާކަމަށް ރަޝީދު ވިދާޅުވިއެވެ.

ހުރަވީ ސްކޫލް ހުޅުވާއިރު އެލްކޭޖީން ފެށިގެން ގްރޭޑް 9 އަކަށް ކިޔަވައިދެމުންދާނެކަން ފާހަގަކުރައްވާ ރަޝީދު ވިދާޅުވީ އަންނަ ޖެނުއަރީ ފެށޭއިރު ގްރޭޑް އެގާރައަށް ވަނުމުގެ ފުރުޞަތު ހުޅުވާލާނެކަމަށެވެ. އަދި 2020 ވަނަ އަހަރު ގްރޭޑް 10 އަދި 12 ކިޔަވައިދޭންފަށާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

" މީގެ މައިގަނޑު އެއް ކަމަކަށް ބެލެވެނީ ކީ ސްޓޭޖް ހަތަރެއް ފެށިގެންދަނީ ގްރޭޑް 9 އަކުން.ގްރޭޑް 10 އަކަށް ދަރިވަރުން ވައްދައިފިނަމަ ބައެއްކަހަލަ ދަތިތަކާ ކުރިމަތިލާންޖެހިދާނެ. ގްރޭޑް 10 އަކަށް ދަރިވަރުން އަންނައިރު އެކުދިންގެ އަމާޒަކަށް ވެގެންދާނީ ޖީސީއީ އޯލެވެލްގެ ނަތީޖާ ރަނގަޅުކުރުމަށް. ސްކޫލެއް ފެށިގެންދާއިރު އާ މުދައްރިސުންނާ ދިމާވެ އެކި ކަންތާއް ދިމާވުމުގެ ސަބަބުން ފަޖަރެއްގައި ގްރޭޑް 10 އެއްގެ ދަރިވަރުން ބޭނުންވާ ނަތީޖާ ހޯދުމަށް ދަތިވެދާނެ." ރަޝީދު ވިދާޅުވިއެވެ.

ހުރިހައި ކުދިން ޝާމިލުކޮށްގެން ތަޢުލީމުފޯރުކޮށްދޭ ސިޔާސަތުގެ ދަށުން ކޮންމެ ސްކޫލެއްގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދެމުންދާއިރު މި ސްކޫލްގަވެސް އެފަދަ ކުދިންނަށް ބޭނުންވާ ކްލާސްތަކާއި ވަޞީލަތްތައް ޤާއިމުކޮށް މިކަމަށް ޚާއްޞަ މުދައްރިސުންވެސް ތިބޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

7 ބުރީގެ 3 ބްލޮކާއެކު ތަރައްޤީކުރާ މި ސްކޫލްއަކީ 1680 ކުދިންގެ ޖާގައިގެ ސްކޫލެކެވެ. އެންމެ ފަހުގެ ޒަމާނީ ވަޞީލަތްތަކާއެކު ޢިމާރާތްކުރާ މިސްކޫލުގައި ޕްރައިމަރީ އަދި ސެކަންޑްރީ ގްރޭޑްތަކަށް ޚާއްޞަކޮށްގެން 53 ކްލާސްރޫމް ހުންނާނެއެވެ. މި ސްކޫލްގައި ދަރިވަރުންނަށް ބޭނުންވާނެ ލެބޯރެޓަރީއާއި ލައިބްރަރީއާއި އެނޫންވެސް ވަޞީލަތްތައް ޤާއިމުކުރެވިފައި ހުރެއެވެ.