ދުނިޔެ

"އިންވެސްޓްމެންޓް ޕްރޮގްރާމެއް" އެކުލަވާލަން އީޔޫއިން ނިންމައިފި


ވިލާތުގެ ޤައުމުުތަކުގެ އިޤްތިޞާދުތަކަށް ކުރިމަތިވެފައިވާ
މާލީ މައްސަލަތައް ޙައްލު ކުރުމުގެ ގޮތުން "އިންވެސްޓްމެންޓް
ޕްރޮގްރާމެއް" އެކުލަވާލަން ޔޫރަޕިއަން ޔޫނިއަނުން ނިންމައިފިއެވެ.



ބެލްޖިއަމްގެ ބްރަސަލްސްގައި ކުރިޔަށްދިޔަ، ޔޫރަޕިއަން
ޔޫނިއަންގެ ޤައުމުތަކުގެ ލީޑަރުންގެ ބައްދަލުވުމުން މި ޕްރޮގްރާމް ހިންގުމަށް
ނިންމާފައިވާއިރު، މި ޕްރޮގްރާމް ހިންގުމުގައި އިސްވެ ޙަރަކާތްތެރިވެ
ވަޑައިގަންނަވާނީ، ޔޫރަޕިއަން ކޮމިޝަންގެ
ރައީސް ޝޯން ކްލީޑް ޖަންކަރަ ކަމަށް އިއްޔެގެ ބައްދަލުވުމުން ވަނީ ނިންމާފައެވެ.



ޕްރޮގްރާމާއި ބެހޭ ގޮތުން އޭނާ ވިދާޅުވެފައިވަނީ، މި ޕްރޮގްރާމްގެ ސަބަބުން މެމްބަރު ޤައުމުތަކުގެ
އިންވެސްޓްމެންޓްގެ ފުރުޞަތުތަކެއް އިތުރުވެ، ވަޒީފާގެ ބާޒާރު ކުރި އަރައިގެންދާނޭ
ކަމަށް ބެލެވޭ ކަމަށެވެ. އަދި ވެއްޓިފައިވާ އިޤްތިޞާދުތައް ކޮޅަށް ޖެހުމުގައި
މިޕްރޮގްރާމް ބޮޑު އެހީއަކަށް ވާނޭކަމަށެވެ.



މި
ޕްރޮގްރާމަށް ދީފައިވާ ނަމަކީ،
"ޔޫރަޕިއަން ފަންޑް ފޯރ ސްޓްރެޓީޖިކް އިންވެސްޓްމެންޓް"އެވެ. ފަންސަވީސް
ޕޮއިންޓް އަށެއް ބިލިޔަން އެމެރިކާ ޑޮލަރުގެ މި ޕްރޮގްރާމް ލޯންޗް ކުރުމަށް
ހަމަޖެހިފައިވަނީ މިއަންނަ އަހަރުއެވެ.