ޚަބަރު

ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގައި މާރާމާރީ ހިންގައި މަޖިލިސް ހުއްޓާލައިފި


ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުން ބޭއްވި ޖަލްސާއެއްގައި ހަމަނުޖެހުން އުފެދި މެންބަރުން މާރާމާރީ ހިންގަން ފެށުމުން އެ ޖަލްސާ ހުއްޓާލައިފިއެވެ.

މެންބަރުންގެ މެދުގައި ހަމަނުޖެހުން އުފެދުނީ ސްރީލަންކާގެ ބޮޑުވަޒީރުކަމަށް ދާދިފަހުން އައްޔަންކުރި މަހިންދަ ރާޖަޕަކްސަގެ އިތުބާރު ނެތްކަމުގެ އިތުރު ވޯޓެއް ނެގުމަށް، މަޤާމުން ދުރުކޮށްފައިވާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އަށް ތާއީދުކުރާ މެންބަރުންތަކެއް މަޖިލީހުގެ ރައީސް ކަރު ޖާޔަސޫރީޔާގެ ކިބައިން އެދިވަޑައިގަތުމުންނެވެ.

ސްރީލަންކާގެ ބޮޑުވަޒީރުކަމަށް އައްޔަންކޮށްފައިވާ މަހިންދަ ރާޖަޕަކްސަގެ މައްޗަށް މިދިޔަ ބުދަދުވަހު ވަނީ އިތުބާރުނެތްކަމުގެ ވޯޓެއް ނަގާފައެވެ.

މިކަން ބަޔާންކުރައްވައި ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިޔާ، ސްރީލަންކާގެ ރައީސް މައިތިރިޕަލަ ސިރިސޭނާއަށްވަނީ ރަސްމީ ސިޓީއެއްވެސް ފޮނުއްވާފައެވެ.
އެހެންނަމަވެސް އެ ސިޓީގެ ޖަވާބުގައި ސިރިސޭނާ މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ރާޖަޕަކްސައާ ދެކޮޅަށް ނެގި އިތުބާރުނެތް ކަމުގެ ވޯޓަކީ ޤަވާއިދާ ޚިލާފަށް ނެގި ވޯޓެއްކަމަށާއި އެ ވޯޓު ބަލައިނުގަންނަވާކަމަށެވެ. އަދި ބޮޑުވަޒީރުކަމަށް ބޭފުޅަކު އައްޔަންކުރުމުގެ ބާރު ޤާނޫނު އަސާސީން ދީފައިވަނީ ހަމައެކަނި ރައީސަށް ކަމަށާއި ރައީސް އައްޔަންކުރައްވާ ބޭފުޅަކަށް ނޫނީ ބޮޑުވަޒީރު ކަމުގައި ނުހުންނެވޭނެކަމަށް ރާޖަޕަކްސަ ވިދާޅުވެފައިވެއެވެ.

ސްރީލަންކާގެ މަޖިލީހުގެ ރައީސް ޖަޔަސޫރީޔާއަކީ މަޤާމުން ދުރުކޮށްފައިވާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައަށް ތާއީދުކުރައްވާ އަދި ރަނިލްގެ ޔުނައިޓެޑް ނެޝަނަލް ޕާޓީގެ މެންބަރެކެވެ. ރާޖަޕަކްސާގެ މައްޗަށް މިދިޔަ ބުދަދުވަހު އިތުބާރުނެތްކަމުގެ ވޯޓު ނަގާފައިވަނީ 225 މެންބަރުން ހިމެނޭ ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ 122 މެންބަރުންގެ ވޯޓުގެ ތަނަވަސް އަޣްލަބިއްޔަތަކުންކަމަށް ޖާޔަސޫރީޔާ ވިދާޅުވެއެވެ.

އެހެންނަމަވެސް ބޮޑުވަޒީރު ކަމަށް އައްޔަންކޮށްފައިވާ ރާޖަޕަކްސާ ވެސްވަނީ އޭނާގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓު ނަގާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެ، އެކަން ޤަބޫލުފުޅުކުރެއްވުމަށް ދެކޮޅު ހައްދަވާފައެވެ.

ބުރާސްފަތި ދުވަހު ބޭއްވިމަޖިލީހުގެ ޖަލްސާގައި ހަމަނުޖެހުން އުފެދި މެންބަރުން އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް މާރާމާރީ ހިންގީ އަނެއްކާވެސް ރާޖަޕަކްސަގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ރަނިލް އަށް ތާއީދުކުރާ ފަރާތްތަކުން މަސައްކަތް ކުރުމުންނެެވެ. އެ ހަމަނުޖެހުންތަކުގައި މަޖިލީހުގެ ރައީސްގެ މައިކަށް ގެއްލުންދީފައިވާއިރު ރައީސް ސިރިސޭނާގެ ސްރީލަންކާ ފްރީޑަމް ޕާޓީއަށް ނިސްބަތްވާ މެންބަރެއް ކަމަށްވާ ޑިލަމް އަމުންގަމާއަށް އަނިޔާވެ، އޭނާއަށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާވެސް ދީފައިވެއެވެ.އަދި ރާޖަޕަކްސާއަށް ތާއީދުކުރައްވާ ބައެއް މެންބަރުން، މަޖިލީހުގެ ރައީސް ކަރޫ ޖާޔަސޫރީޔާއާ ދިމާއަށް ބައެއް ތަކެތި އުކާ ހެދިކަމަށްވެސް ސްރީލަންކާގެ މީޑީޔާ ޚަބަރުދެއެވެ.

މަޖިލިސް އުވާލުމަށް ރައީސް ސިރިސޭނާ ނިންމެވި ނިންމެވުމަށް އަމަލުކުރުން ސްރީލަންކާގެ ސްޕްރީމް ކޯޓުންވަނީ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ފަސްކޮށްފައެވެ.