ޚަބަރު

ބްރެކްސިޓްގެ ދެލިކޮޕީ ފައިނަލްކުރަން އީޔޫއާ ކުރިމަތިލާން ތައްޔާރުކަމަށް މޭ ވިދާޅުވެއްޖެ


އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުމާ ގުޅޭގޮތުން ދެ ފަރާތުން ޤާއިމުކޮށްފައިވާ އެއްބަސްވުމުގެ ދެލިކޮޕީ ފައިނަލްކުރުމަށް ވިލާތުގެ އިއްތިހާދާ ކުރިމަތިލެއްވުމަށްވެސް ތައްޔާރަށް ހުންނެވިކަމަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ތެރީސާ މޭ ވިދާޅުވެއްޖެއެވެ.

މޭ މިހެން ވިދާޅުވެފައިމިވަނީ، މި އެއްބަސްވުމުގެ ދެލިކޮޕީއަށް އޭނާގެ ވަޒީރުންގެ މަޖިލީހުން އެއްބާރުލުން ދޭ ކަމަށް ވިދާޅުވިތާ މާ ގިނަ އިރުތަކެއް ނުވަނީސް ކެބިނެޓްގެ މުހިއްމު ދެ ވަޒީރުން މަޤާމުން އިސްތިޢުފާ ދެއްވުމުންނެވެ. މި ގޮތުން، ވިލާތާއެކު ކުރި މަޝްވަރާތަކުގައި އިނގިރޭސިވިލާތުގެ ފަރާތުން ބައިވެރިވި ވަފުދުގެ އިސްވެރިޔާ ޑޮމިނިކް ރާބް އަދި ވޯކް އެންޑް ޕެންޝަން މިނިސްޓަރ އެސްތަރ މެކްވޭ މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ މި ދެލިކޮޕީއަށް އެއްބާރުލުން ދެއްވަން ބޭނުންވެވަޑައިނުގަންނަވާކަމަށް ވިދާޅުވެއެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން މޭ ވިދާޅުވީ، ބައެއް ވަޒީރުންގެ ހިތްހަމަނުޖެހުުން ވިސްނިވަޑައިގަންނަވާ ކަމަށާއި، އެހެންނަމަވެސް އެކަމަނާ މިހާރު ކަނޑައަޅާފައިވާ މަގަކީ އިނގިރޭސިވިލާތަށާ އެ ޤައުމުގެ ރައްޔިތުންނަށް ވެސް އެންމެ ރަނގަޅު މަގުކަަމަށެވެ.އަދި އޭނާ މަސައްކަތް ކުރަމުންދަނީ މިކަމުގައި އިނގިރޭސިވިލާތަށް އެންމެ ހަރުދަނާ އެއްބަސްވުމެއް ހޯދައިދިނުމަށް ކަމަށް ވެސް މޭ ވިދާޅުވިއެވެ.