އަންނަ މަހުގެ ކުރީކޮޅު ބާއްވާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް، ކޮޕް 24 ސަމިޓުގައި އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ޙާއްސަ މަންދޫބެއްގެ ގޮތުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.
މިކަން އިޢުލާނުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އިންތިޚާބީ ރައީސްގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ޕޮލެންޑްގައި އަންނަ ޑިސެމްބަރ މަހުގެ 3އިން 4އަށް އޮންނަ ހައިލެވަލް ސެގްމެންޓްގައި ކުރީގެ ރައީސް ނަޝީދު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، ޑިސެންބަރ މަހުގެ 10އިން 14އަށް އޮންނަ މިނިސްޓީރިއަލް ސެގްމެންޓްގައި ބައިވެރިވެވަޑައިގަންނަވާނީ ގުޅިފައިވާ އިއްތިޙާދުގެ މެމްބަރުންގެ ތެރެއިން އިންތިޚާބީ ރައީސްގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރުންކަމަށެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދަކީ ތިމާވެށި ރައްކާތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވާ މާރިޔާ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ކޮޕް 15 ސަމިޓްގައި ކުރެއްވި މަސައްކަތްޕުޅުތަކާއި ގުޅިގެން އެ ސަމިޓްގެ ތެރެއިން އެމަނިކުފާނަށް ބޮޑު ސަމާލުކަމެއް ލިބިގެން ގޮސްފައިވާކަމަށެވެ.
2009 އަހަރު ރައީސް ނަޝީދު ވަނީ ރާއްޖޭގެ ތިމާވެށީގެ ހާލަތު ދުނިޔެއަށް އަންގައިދިނުމަށްޓަކައި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް މޫދުއަޑީގައި ބާއްވާފައެވެ. މިއީ ބައިނަލްއަޤުވާމީ މީޑިއާތަކުގެ ބޮޑު ސަމާލުކަމެއް ލިބުނު ޙަރަކާތެކެވެ.
މިއަހަރުގެ ކޮޕް ސަމިޓްގައި ޕެރިސް އެގްރީމެންޓްގައި ހިމެނޭ ކަންކަން ކާމިޔާބު ކުރުމަށްޓަކައި ކުރެވެންހުރި ކަންތައްތަކާ ގުޅޭގޮތުންނާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ޤައުމުތަކުން މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ.