ޚަބަރު

"އައްސަރިޔާ" ފުޓްބޯޅަ ފެސްޓިވަލް ފުވައްމުލައް ސިޓީގައި ފަށައިފި


"ފުޓްބޯލް އެސޯސިއޭޝަން އޮފް ފުވައްމުލައް" އިން އިންތިޒާމުކޮށްގެން ފުވައްމުލައް ސިޓީގައި ފުޓްބޯޅަ މުބާރާތެއް ފަށައިފިއެވެ.

ފުވައްމުލަކު ޒުވާނުންގެ މަރުކަޒުގައި މިއަދުން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތުގައި ހަތް އަހަރުން ދަށުގެ އުމުރުފުރައާއި ހަތް އަހަރުން މަތީގެ އުމުރު ފުރާއިން ޖުމުލަ 56 ކުދިން ބައިވެރިވިއެވެ. މުބާރާތުގައި 6 ޓީމް ވާދަ ކުރާއިރު ކުޅުން ކުރިޔަށްގެންދަނީ ލީގު އުސޫލުންކަމަށް "ފުޓްބޯލް އެސޯސިއޭޝަން އޮފް ފުވައްމުލައް" އިން ބުނެއެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޤަވާއިދުގައިވާ ގޮތަށް މުބާރާތް ކުރިޔަށް ގެންދާތީ މި މުބާރާތުގައި ބައިވެރިވާ 13 އަހަރުން ދަށުގެ އުމުރުފުރާ ގެ ދަރިވަރުންނަށް މުބާރާތް ނިމުމުން އޭގައި ބައިވެރިވާ ހުރިހާ އެ އުމުރު ފުރާގެ ހުރިހައި ކުދިންނަށް މެޑެލް ދޭނެކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ.

ޕީއެސްއެމް ނިއުސް އަށް މަޢުލޫމާތު ދެމުން "ފުޓްބޯލް އެސޯސިއޭޝަން އޮފް ފުވައްމުލައް" ގެ ރައީސް އަޙްމަދު ނިޖާޙު ވިދާޅުވީ އެ ޖަމްޢިއްޔާގެ ފުޓްބޯޅަ އެކަޑަމީން ކޮންމެ އަހަރަކު އެއްފަހަރު މި މުބާރާތް ބާއްވަން ޤަސްދުކުރާކަމަށެވެ. އޭގެ މައިގަނޑު ބޭނުމަކީ ފުވައްމުލައް ސިޓީގެ ފުޓުބޯޅަ ކުރިއަރުވާ ޤައުމީ ފެންވަރުގެ މޮޅު ކުޅުންތެރިން ތަކެއް އެ ސިޓީއިން އުފެއްދުން ކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މި މުބާރާތުގައި ކުޅޭ ކުދިންގެ ތެރެއިން 2 ނުވަތަ 5 ކުދިން ޤައުމީ ޓީމުގައި ހިމެނާލެވޭވަރަށް ނުވަތަ ޔޫތު ޓީމު ތަކުގައި ހިމެނިގެންދާ ފެންވަރަށް ކުރިއަށް އޮތް ދިހަ އަހަރު ދުވަހުގެ ތެރޭގައި ތަމްރީނު ކުރެވިގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ފުޓްބޯލް އެސޯސިއޭޝަން އޮފް ފުވައްމުލައް" އިން ކުދިން ތަމްރީނު ކުރަނީ "ސީ ލައިސަންސް" އޮންނަ އެފްއޭމް ޤަބޫލުކުރާ ކޯޗުންނެވެ. އަދި ފެންވަރު ރަނގަޅު ކޯޗުންނާއި އެސިސްޓެންޓް ކޯޗުން އެކަޑަމީގެ ތަމްރީނުތަކުގައި މިހާރުވެސް ޙަރަކާތްތެރިވަމުންދެއެވެ.

"ފުޓްބޯލް އެސޯސިއޭޝަން އޮފް ފުވައްމުލައް" ކުރިޔަށް ގެންދާ "އައްސަރިޔާ" ފެސްޓިވަލުގެ މެއިން ސްޕޮސަރަކީ ފުވައްމުލަކު އައްސަރިޔާ ފިހާރައެވެ. މިއަހަރު އަލަށް މި މުބާރާތް ފެށި ނަމަވެސް ކުރިއަތް އޮތްތަނުގައި މިއަށް ވުރެ ބޮޑު މުބާރާތްތައް ބާއްވާނެކަމަށާއި އަންހެން ކުދިންގެ ފުޓްބޯޅަ މުބާރާތެއްވެސް އަންނަ އަހަރު ފަށާނެކަމަށް "ފުޓްބޯލް އެސޯސިއޭޝަން އޮފް ފުވައްމުލައް" ގެ އެކަޑަމީ އިންބުނެއެވެ. މީގެ ކުރިން "ފުޓްބޯލް އެސޯސިއޭޝަން އޮފް ފުވައްމުލައް" އިން ފުވައްމުލައް ސިޓީގެ ސްކޫލްތަކުން ބާއްވާ އެކި މުބާރާތްތަކުގައި ކޯޗުންގެ ގޮތުގައި ފަންނީ ގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.