ތިމާވެށި

ސިޓީ ކައުންސިލްގެ ބައެއް މަސައްކަތް ހައުސިންގ މިނިސްޓްރީގެ ދަށަށް


މާލޭ
ސިޓީ ކައުންސިލްގެ ތިން ޑިޕާޓްމަންޓަކުން ހިންގަމުންދިޔަ މަސައްކަތްތައް ހައުސިންގ
މިނިސްޓްރީގެ އާއްމު ޚިދުމަތްތަކާ ބެހޭބައިން ކުރާ މަސައްކަތެއްގެ ގޮތުގައި
ހަމަޖައްސާފައިވާ ކަމަށް އެމިނިސްޓްރީން ބުނެފިއެވެ.



ހައުސިންގ
މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލެސިޓީ ކައުންސިލްގެ ޔުޓިލިޓީސް
އެންޑް ޓްރާންސްޕޯޓާއި އެންވަޔަރަމަންޓް ޑިޕާޓްމަންޓް އާއި ހާރބަރ މޭނޭޖްމަންޓުން
ހިންގަމުންދިޔަ މަސައްކަތް އެ މިނިސްޓްރީން ކުރާ މަސައްކަތެއްގެ ގޮތުގައި
ހަމަޖައްސާފައިވާކަމަށެވެ. މިގޮތަށް ހަމަޖެހުނު ނަމަވެސް ކުރިއެކޭ އެއްގޮތަށް
މެދުނުކެނޑި ހުރިހާ ޚިދުމަތެއް ލިބޭނެކަމަށާއި މި ޑިޕާޓްމަންޓުން ދެމުންއައި
ޚިދުމަތްތައް ކުރީގައިވެސް ޚިދުމަތް ދެމުންދިއަ އިމާރާތް ކަމަށްވާ ތައިސޭކޮށިން
ލިބޭނެކަމަށް ހައުސިންގ މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.



ހައުސިންގ
މިނިސްޓްރީން ދޭ ޚިދުމަތެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އެކި ބޭނުންތަކަށް
ވަގުތީގޮތުން މަގު ބަންދުކުރުމުގެ ހުއްދަ ދިނުން، މާރުކޭޓް ބެލެހެއްޓުން، މާލެސިޓީގެ
މަގުތަކާއި ޕާކްތަކުން ކުނިކަހާ ސާފްކުރުން، މަގު މަރާމާތުކުރުމާއި ކާނު ސާފުކުރުން،
މަގުކޮނުމުގެ ހުއްދައާއި ފަޅުތެރެ ސާފުކޮށް ބެލެހެއްޓުންވެސް ހައުސިންގ މިނިސްޓްރީގެ
ދަށަށްވަނީ ގެންގޮސްފައެވެ.