ޓްރާންސިޝަން ކޮމިޓީން އެޑިއުކޭޝަން މިނިސްޓްރީއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް އެމިނިސްޓްރީން ރައްދުދީފިއެވެ.
މިދިޔަ އަންގާރަ ދުވަހު ބަޖެޓް އެކުލަވާލުމާ ގުޅިގެން ޓްރާންސިޝަން ކޮމިޓީން ކުރިއަށްގެންދިޔަ ޕްރެސް ކޮންފަރެންސްއެއްގައި ވާހަކަދައްކަވަމުން އެކޮމިޓީގެ ތަޢުލީމީ ވުޒާރާގެ ކަންކަމާ ހަވާލުވެހުންނެވި އިބްރާހިމް އިސްމާއިލް (އިބްރާ)އާއި ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޑރ.މުސްތަފާ ލުތްފީ ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ އެކި މަސައްކަތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން ސްކޫލް ޑިޖިޓަލައިޒޭޝަން ޕްރޮގްރާމުގެ ދަށުން ދަރިވަރުންނަށް ބަހަން ހަމަޖެހިފައިވާ ހަތްދިހަ އެއް ހާސް ޓެބްލެޓްގެ ތެރެއިން މި ސަރުކާރުން މިހާތަނަށް ހަވާލުކޮށްފައިވާނީ އެކާވީސް ހާސް ޓެބްލެޓްކަމަށާއި މި ޓެބްލެޓްތައް ހަވާލުކުރަންޖެހޭ ތާރީޚަށްވުރެ މާބޮޑަށްވެސް ލަސްވެފައިވާކަމަށްބުނެ އިބްރާހިމް އިސްމާއިލް (އިބްރާ) ވަނީ ވާހަކަފުޅުދައްކަވާފައެވެ.
މިކަމަށް ރައްދުދެއްވައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ އަހުމަދު ޝަފީޢު ވިދާޅުވީ ދަރިވަރުންނާއި ހަވާލުކުރަންޖެހޭ ޓެބްލެޓްތަކުގެ ތެރެއިން 00068 ޓެބްލެޓް ދަރިވަރުންނާއި ހަވާލުކޮށްފައިވާނޭކަމަށެވެ. އަދި ބާކީ ޓެބްލެޓްތަކަކީ މާލޭގެ ތިން ސުކޫލެއްގެ ޓެބްލެޓްތަކެއްކަމަށާއި މި ޓެބްލެޓްތައް މިހަފްތާތެރޭ ހަވާލުކުރެވިގެންދާނެކަމަށް ވެސް ޝަފީޢު ވިދާޅުވިއެވެ.
ސްކޫލް ޑިޖިޓަލައިޒޭޝަން ޕްރޮޖެކްޓަކީ 154 މިލިއަން ރުފިޔާ ޚަރަދުކޮށްގެން މި ސަރުކާރުން ފެއްޓެވި ޕްރޮޖެކްޓެކެވެ. ޝަފީޢު ވިދާޅުވީ މި ޓެބްލެޓްތަކުގެ ފައިސާ މިހާރު ދައްކާފައިވާކަމަށެވެ. އަދި މި ޓެބްލެޓްތައް ދަރިވަރުންނާ ހަވާލުކުރުމުގައި ލަސްވީ ޓެބްލެޓްތަކުގެ ސޮފްޓްވެއާރ ހޯދައި އެހެނިހެން ކަންކަން ނިންމުމަށް ވަގުތުނެގުމުގެ ސަބަބުންކަމަށްވެސް ޝަފީޢު ފާހަގަކުރެއްވިއެވެ.
ޓްރާންސިޝަން ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓްރީން ޓީޗަރުންނަށް ޚާއްސަކޮށްގެން އޮންލައިންކޮށް އިނގިރޭސި ކިޔަވައިދިނުމަށް ކުރިއަށްގެންދިޔަ ކޯސްތަކާއި ބެހޭގޮތުން ސުވާލު އުފައްދާފައިވެއެވެ. މި ކޯހަކީ ޓީޗަރުންގެ އިނގިރޭސި ފެންވަރު ރަނގަޅުކުރުމަށްޓަކައި ވާރލްޑް ބޭންކުގެ ހިލޭ އެހީއާއި އެޑިއުކޭޝަން މިނިސްޓްރީގެ ފަންޑުން ހަތް ލައްކަ ފަންސާސް ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ ކޯހެކެވެ.
މިކަމާއި ބެހޭގޮތުން ވާހަކަދައްކަވަމުން ޝަފީޢު ވިދާޅުވީ ވާރލްޑް ބޭންކްގެ އެހީގައި މުޅި ކޯހުގެ ފީގެ ފަންސާސް އިންސައްތަ ކަވަރކުރާއިރު ޓީޗަރުން ދައްކަން ޖެހޭނީ ހަމައެކަނި ކޯހުގެ ފީގެ ބާކީ ފަންސާސް އިންސައްތަ ކަމަށެވެ. އަދި ބާކީ ފަންސާސް އިންސައްތައަކީ ތިން އަހަރުގެ މުއްދަތަކުން ފައިސާ ޚަލާސްކުރެވޭ ގޮތަށް ކަނޑައަޅާފައިވާ އަދަދެއްކަމަށް ޝަފީޢު ވިދާޅުވިއެވެ. އެހެންކަމުން މިފަންސާސް އިންސައްތައަށް ވާ ފައިސާގެ އަދަދު ކުރިއަށްއޮތް ތިން އަހަރުގެ ތެރޭގައި އެޑިއުކޭޝަނަށް ލިބޭނެކަމަށް ޝަފީޢު ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ޓްރާންސިޝަން ކޮމިޓީން ވަނީ އެޑިއުކޭޝަން މިނިސްޓްރީގައި ފަންނީ މުވައްޒަފުންގެ ދަތިކަމާއި މިނިސްޓްރީގެ ޖާގައިގެ ދަތިކަމުގެ ވާހަކައަށް އަލިއަޅުވާ ވާހަކަދައްކަވާފައެވެ. އަދި ހަމައެހެންމެ އޯލެވެލް އަދި އޭލެވެލް އިމްތިޙާނުގެ މައްސަލަތަކާއި ބައެއް ރަށްތަކުގައި ޕްރިންސިޕަލުން ނެތްކަމުގެ މައްސަލަތަކެއްވެސް ޓްރާންސިޝަން ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ.
އެހެންނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން ޓްރާންސިޝަން ކޮމިޓީން ވާހަކަދައްކާފައިވަނީ ހަޤީޤަތް އޮޅޭގޮތަށްކަމަށެވެ.
ޓްރާންސިޝަން ކޮމިޓީން އެޑިއުކޭޝަން މިނިސްޓްރިއާމެދު ފާޑުކިޔުން އަމާޒުކޮށްފައިވަނީ މިދިޔަ އަންގާރަދުވަހު އެކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި އައު ސަރުކާރުގައި ތަޢުލީމީ ދާއިރާ ބައްޓަންކުރައްވާނެގޮތުގެ މަޢުލޫމާތު އެކޮމިޓީން ހިއްސާ ކޮށްފައިވެއެވެ.