ސިޔާސީ

މަޑަވެލިދާއިރާގެ މެމްބަރު މުއާޒް ޖުމްހޫރީޕާޓީއަށް ސޮއިކޮށްފި


ރައްޔިތުންގެ މަޖިލީހުގައި މިހާތަނަށް ހުންނެވި ހަމައެކަނި މިނިވަން މެންބަރު، މަޑަވެލިދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދު ޖުމްހޫރީޕާޓީއަށް ސޮއިކޮށްފިއެވެ.މިކަމަށްޓަކައި މިއަދު ޕެރަޑައިސް ރިސޯޓްގައި ބޭއްވި ރަސްމިއްޔާތުގައި މެމްބަރު މުއާޒު ވަނީ ޖޭޕީއާ ގުޅިވަޑައިގެން މެމްބަރަކަށް ވުމުގެ ފޯމުގައި ސޮއި ކުރައްވާ ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމްއާ ހަވާލުކުރައްވާފައެވެ. އޭނާގެ އިތުރުން ބައެއް އަތޮޅު ކައުންސިލް މެމްބަރުންނާއި ރަށު ކައުންސިލް މެމްބަރުންވެސް ވަނީ މި ރަސްމިޔާތުގައި ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެން ފޯމްތައް ޤާސިމްއާ ހަވާލުކޮށްފައެވެ.ޖޭޕީއަށް ސޮއި ކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މުއާޒް ވިދާޅުވީ، ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ، ސިޔާސީ ޕާޓީއަކާ ގުޅިވަޑައިނުގެން މަޖިލީހުގައި މަސައްކަތް ކުރަން ދަތިވާތީކަމަށާއި، ރައްޔިތުންނަށް ޙިދުމަތް ކުރެވެން އޮތީ ޕާޓީއަކާ ގުޅިވަޑައިގެންކަމަށް ދެކެވަޑައިގަންނަވާތީކަމަށެވެ.ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވީ ޕާޓީއަށް މެމްބަރުން އިތުރުވުމުން މަަޖިލީހުގައި މަސައްކަތް ކުރުމަށް ފަސޭހަތަކެއް ވެގެންދާނެކަމަށެވެ.