ޚަބަރު

ބަޖެޓް 2019 - ތިމާވެށި ރައްކާތެރިކުރުމަށް 512 މިލިއަން ރުފިޔާ


ތިމާވެށި ރައްކާތެރިކުރުމަށް 2019 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓުގައި 512 މިލިއަން ރުފިޔާ ހިމަނައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ދަޢުލަތުން ހުށަހެޅި ބަޖެޓުގައި، ތިމާވެށި ރައްކާތެރިކުރުމަށް ޕީއެސްއައިޕީ ބަޖެޓުގައި 512.9 މިލިއަން ރުފިޔާ ވަނީ ހިމަނާފައިރު މިއީ ޕީ.އެސް.އައި.ޕީ ބަޖެޓުގެ 7.7 އިންސައްތައެވެ.

ތިމާވެށި ރައްކާތެރިކުރުމަށް ހިންގާ މަސައްކަތްތަކުގެ ތެރޭގައި ރައްކާތެރިގޮތުގައި ކުނި ނައްތާލުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމާއި ފެން ހިންދުމުގެ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢުތައް ހިމެނެއެވެ. މީގެ ތެރެއިން ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ ކުނި ނައްތާލާ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތްތަކަށެވެ. އެގޮތުން ރައްކާތެރިގޮތުގައި ކުނި ނައްތާލުމުގެ ނިޒާމް ޤާއިމްކުރުމަށް 21 މަޝްރޫޢަކަށް 231.1 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ބަޖެޓްގައި ހިމަނާފައިވެއެވެ. މިމަސައްކަތްތަކުގެ ތެރޭގައި ހއ. ބާރަށުގައި ކުނިކޮށްޓެއް ޤާއިމްކުރުމާއި، ލ.ދަނބިދޫގައި ވޭސްޓްމެނޭޖްމަންޓް ސެންޓަރެއް ޤާއިމްކުރުމާއި، ގއ.ވިލިނގިލީގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރ އަޕްގްރޭޑްކުރުން ހިމެނެއެވެ.

ތިމާވެށީގެ ބަޖެޓްގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ އިޔާދަކުރަނިވި ހަކަތައަށެވެ. މިއީ ޕީ.އެސް.އައި.ޕީގެ 2.8 އިންސައްތައެވެ. މީގެތެރޭގައި އެކި ރަށްރަށުގައި އޭޝިއަން ޑިވަލޮޕްމަންޓް ބޭންކްގެ އެހީގައި ކުރިއަށް ގެންދެވޭ ޕްރި ޕެއަރިންގ އައުޓަރ އައިލަންޑް ފޮރ ސަސްޓެއިނަބަލް އެނާރޖީ ޑިވަލޮޕްމަންޓް ޕްރޮޖެކްޓް، ޕޮއިސްޑް އަދި ވޯލްޑް ބޭންކްގެ އެހީގެ ދަށުން ހިންގޭ އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ޕްރައިވެޓް އިންވަސްޓްމަންޓް އިން ރެނިއުބަލް އެނާރޖީ، އެސްޕަޔަރ ޕްރޮޖެކްޓަށް 184.8 މިލިއަން ރުފިޔާ ވަނީ ބަޖެޓުކުރެވިފައެވެ.