ތަޢުލީމު

ޑެޕިއުޓީ ޕްރިންސިޕަލުންގެ މަގާމް އުވާލައިފި


ރާއްޖޭގެ ސްކޫލް އޮނިގަނޑުގައި ހިމެނޭ ޑެޕިއުޓީ ޕްރިންސިޕަލުންގެ މަގާމް އުވާލައި، އެމަގާމުތަކުގައި ތިއްބެވި މުވައްޒަފުންނަށް، ސްކޫލްތަކުގައްޔާއި އެޑިއުކޭޝަން ދާއިރާއިން، އެބޭފުޅުން އިޚްތިޔާރު ކުރި އެހެން މަގާމްތަކަށް ހަމަޖައްސައިފިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.މިއާއެކު ޑެޕިއުޓީ ޕްރިންސިޕަލުންގެ ގޮތުގައި ތިއްބެވި ސަތޭކަ އައްޑިހައަށް ބޭފުޅުން އެހެންމަގާމްތަކަށް ބަދަލުވެގެންގޮސްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.އެމް.ބީ.ސީ ނިއުސްއަށް މައުލޫމާތުދެއްވަމުން އެޑިއުކޭޝަން މިނިސްޓރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބދުﷲ ނަޒީރު ވިދާޅުވީ، މިގޮތަށް ބަދަލުގެނައީ ރާއްޖޭގެ ސްކޫލް ތައުލީމްގެ ފަންނީމުވައްޒަފުންގެ އޮނިގަނޑު އިސްލާހުކުރުމުގެ މަސައްކަތުގެ ތެރެއިން ސްކޫލްތަކުގެ މެނޭޖްމަންޓް ރީސްޓްރަކްޗަރ ކުރުމުގެ ގޮތުންކަމަށާއި، އެގޮތުން ޕްރިންސިޕަލުންގެ ނެއް ސްކޫލްތަކުގެ ޕްރިންސިޕަލުންގެ މަގާމަށާއި، ލީޑިންގ ޓީޗަރުންގެ އިތުރުން މިހާރު ސްކޫލްތަކުގައި އިދާރީ މަސައްކަތްކުރަމުންދާ ހަތްދިހަ ހަތް ޑެޕިއުޓީ ޕްރިންސިޕަލުން ސްކޫލްތަކުގެ އެޑްމިނިސްޓްރޭޓިވް މަގާމުތަކަށް އައްޔަންކުރައްވާފައިވާކަމަށެވެ. މީގެ އިތުރުން ބައެއް ޑެޕިއުޓީ ޕްރިންސިޕަލުން މިނިސްޓްރީގެ ޕޮލިސީ ލެވަލްގައި މަސައްކަތް ކުރުމަށްވެސް އިޚްތިޔާރުކުރެއްވިކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.ޑެޕިއުޓީ ޕްރިންސިޕަލުން އެކި މަގާމުތަކަށް ބަދަލުވެގެން ދިޔަނަމަވެސް، އެމިނިސްޓްރީގެ ދަށުން ވަޒީފާ ދީފައިވާ ފަންނީ މުވައްޒަފުންނަކީ އެފަރާތްތަކުގެ ކޮލިފިކޭޝަނާއި ތަޖްރިބާއަށް ބެއްލެވުމަށްފަހު އައްޔަންކުރައްވާ މުވައްޒަފުންނަށްވާތީ، އެފަރާތްތަކުގެ މުސާރައަށް އެއްވެސް ބަދަލެއްނާންނާނެކަމަށް މިނިސްޓްރީން ބުނެއެވެ.ޑެޕިއުޓީ ޕްރިންސިޕަލުންގެ ތެރެއިން އެޑިއުކޭޝަން މިނިސްޓްރީން ދެއްވި އެއްވެސް އިޚްތިޔާރަކަށް އެއްބަސްވެފައި ނުވަނީ ހަތަރު ފަރާތެއްކަމަށާއި އެފަރާތްތަކާމެދު ސިވިލްސާވިސްގެ ގާނޫނާއި ގަވާއިދުތަކާއެއްގޮތްވާ ގޮތުންގެ މަތީން އެފަރާތްތަކުން ބޭނުންވާ ގޮތެއް އިޚްތިޔާރުކުރެވޭނެ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.އަނެއްކޮޅުން އެޑިއުކޭޝަން މިނިސްޓރީން ސްކޫލްތަކުގެ ޑެޕިއުޓީ ޕްރިންސިޕްލުންގެ މަގާމު އުވާލުމާއި ގުޅިގެން އެމް.ޑީ.ޕީން ވަނީ  އެކަން ކުއްވެރިކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ. ނޫސްވެރިންނާއި ބައްދަލުކުރައްވައި ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޝިފާ މުހައްމަދު ވިދާޅުވީ ސްކޫލް ހިންގަނީ ޑެޕިއުޓީ ޕްރިންސިޕަލުންނާއެކުކަމަށާއި އެމަގާމް އުވިގެންނުވާނެކަމަށެވެ. ޝިފާ ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީގެ ތެރެއަށް ސިޔާސީ ނުފޫޒު ވައްދަން އުޅެނީކަމަށް ހީފުޅުވާކަމަށެވެ.ޑެޕިއުޓީ ޕްރިންސިޕަލުންގެ މަގާމު އުވާލުމާގުޅިގެން އެކަން ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ އެމް.ޑީ.ޕީއަށް ނިސްބަތްވާ ތިންމެންބަރަކު ސޮއިކުރައްވާ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް މިހާރުވަނީ ހުށަހަޅާފައެވެ.