ޚަބަރު

އަންނަ ފެބްރުއަރީމަހު ދަރުމަވަންތަ ހޮސްޕިޓަލުގެ ޚިދުމަތް ފަށާނެ - ހެލްތު މިނިސްޓަރ


މަތީ ފެންވަރުގެ ސިއްޙީ ޚިދުމަތް ދިނުމަށް ސަރުކާރުން ބިނާކުރެއްވި ދަރުމަވަންތަ ހޮސްޕިޓަލުގެ މަސައްކަތް މުޅިން ނިންމައި އަންނަ ފެބްރުއަރީމަހުގެ ނިޔަލަށް ޚިދުމަތް ދޭން ފަށާނެކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިއަދު އެހޮސްޕިޓަލަށް ޒިޔާރަތްކުރެއްވުމަށްފަހު މީޑިއާއަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ މަސައްކަތުގެ %95 ނިމިފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ ހޮސްޕިޓަލްގެ ޚިދުމަތް ފެށުމަށް ބޭނުންވާ މެޑިކަލް އާލާތްތައްވެސް ގެނެސްފައިވާކަމަށާއި ޚިދުމަތް ފެށުމަށް މިހަރު އެއްވެސް ދަތިކަމެއް ނެތްކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލަށް މިއަދު ކުރެއްވި ޒިޔާރާތުގައި ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވަނީ އެތަނުގެ އެންމެފަހުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާފައެވެ.

މިޢިމާރާތަކީ ރާއްޖޭގެ ސިއްޙީ ދާއިރާ އައު ހަރުފަތަކަށް ގެންގޮސްދޭނެ ޢިމާރާތެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ އާސަރުކާރުންވެސް މިތަނުގެ ޙިދުމަތް އެންމެ އެދެވޭގޮތަށް ކުރިއަށް ގެންދާނެކަމަށް އުންމީދުކުރައްވާކަމަށެވެ.

ދިވެހި ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަންސަވީސް ފަންގިފިލައަށް ޢިމާރާތްކުރާ މި ޢިމާރާތުގެ މަސައްކަތް ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކޮށްގެން ފަށާފައިވަނީ 2016 ވަނަ އަހަރުއެވެ. މި ހޮސްޕިޓަލަކީ ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއްކޮށްގެން ކުރި ޢިމާރާތެކެވެ.