ޚަބަރު

އިންޑިޔާއާއި ރާއްޖޭގެ އަސްކަރީ ގުޅުމަށް ހީނަރުކަމެއް ނާދޭ- ޗީފް އޮފް ޑިފެންސް ފޯސް


އިންޑިޔާއާއި ރާއްޖޭއާ ދެމެދު އޮންނަ އަސްކަރީ ގުޅުމަށް އެއްވެސް އިރެއްގައި ހީނަރުކަމެއް އައިސްފައިނުވާކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެެވެ.

އިންޑިއަން އޯޝަން ނޭވަލް ސިމްޕޯސިއަމް، އަޔަންސްގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްފަހު ސްޓްރެޓެޖިކް ނިއުސް އިންޓަރނޭޝަނަލްއަށް ދެއްވި އިންޓަރވިއުއެއްގައި މޭޖަރ ޖެނަރަލް ޝިޔާމް ވިދާޅުވީ އިންޑިއާއަކީ އަބަދުވެސް ރާއްޖެއާއި ގާތް ގުޅުމެއް ބާއްވަމުން އަންނަ ޤައުމެއްކަމުން ރާއްޖެއަށް ދިމާވާ ކޮންމެ ދަތިކަމެއްގައި އިންޑިޔާއިން ބޮޑެތި އެހީ ފޯރުކޮށްދީފައިވާކަމަށެވެ. އަދި ދިވެހި ސިފައިންނަށް އަސްކަރީ ތަމްރީނު ދިނުމާއި އަސްކަރިއްޔާއަށް ބޭނުންވާ އުޅަނދުތައް ހޯދުމުގައި އިންޑިޔާއިން ބޮޑު އެހީތެރިކަމެއްދެއްވާކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކަފުޅުގައި އިންޑިއަން އޯޝަން ނޭވަލް ސިމްޕޯސިއަމް، އަޔަންސްގެ މުހިއްމުކަމާއި ބެހޭގޮތުންވެސް ވާހަކަފުޅުދެއްކެވިއެވެ. އެގޮތުން ކުދި ޤައުމުތަކާއި ބޮޑެތި ޤައުމުތަކުން އެއް ފެންވަރެއްގައި އެކި ކަންކަމާއި މެދު މަޝްވަރާކުރުމުގެ ފުރުސަތު ލިބުމަކީ ވަރަށް މުހިއްމުކަމެއްކަމަށް މޭޖަރ ޖެނަރަލް ޝިޔާމް ފާހަގަކުރެއްވިއެވެ. އަދި މި ސިމްޕޯސިއަމްގެ މެމްބަރެއްގެ ގޮތުގައި ދިވެހިރާއްޖެ އޮތުމަކީ ކުޑަ ޤައުމެއްގެ ހައިސިއްޔަތުން ފަޙުރުވެރިވާކަމެއްކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ސިމްޕޯސިއަމްގައި ބައިވެރިވެވަޑައިގަތުމަށް ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނަރަލް އަހުމަދު ޝިޔާމް އިންޑިޔާއަށް ވަޑައިގަތީ މިމަހުގެ 12 ވަނަ ދުވަހުއެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމަނިކުފާނު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.