ޚަބަރު

އެންމެ ޙަރަކާތްތެރި ދަރުމަވެރިޔާގެ އެވޯޑް އިބްރާހީމް ރަޝީދަށް


ޤައުމީ ފެންވަރުގައި މިއަހަރު ފާހަގަކުރެވޭ އެންމެ ޙަރަކާތްތެރި ދަރުމަވެރިޔާއަށް ދޭ ބެސްޓް ވޮލަންޓިއަރ އެވަރޑް، އިބްރާހީމް ރަޝީދަށް ލިބިއްޖެ.އިބްރާހީމް ރަޝީދަކީ  ، ހިލޭސާބަހަށް މަސައްކަތް ކުރުމުގައި މި އަހަރު އެންމެ ގިނަ ވަގުތު ހޭދަކުރި ރެޑް ކްރެސެންޓްގެ ވޮލަންޓިއަރެވެ. އިބްރާހިމް ރަޝީދު ވަނީ، އިންސާނިއްޔަތަށްޓަކައި ދިވެހި ރެޑް ކްރެސެންޓް މެދުވެރިކޮށް ޖުމްލަ 830.14 ގަޑިއިރުގެ ޚިދުމަތް ކޮށްދީފައެވެ. އޭނާ އަށް މި އެވޯޑް ޙަވާލުކޮށްދެއްވީ ރައީސުލް ޖުމުހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ޤައްޔޫމްއެވެ. މީގެ އިތުރުން، އިބްރާހީމް ރަޝީދު ވަނީ  ދިވެހި ރެޑް ކްރެސެންޓްގެ މާލެ ބްރާންޗްގެ އެންމެ ހަރަކާތްތެރި ދަރުމަވެރިޔާގެ އެވޯޑާއި، ދިވެހި ރެޑް ކްރެސެންޓްގެ މިދިޔަ އަހަރުގެ އެންމެ ހަރަކާތްތެރި ފަސް ދަރުމަވެރިންގެ ތެރޭގައި ވެސް ހިމެނިފައެވެ. ދިވެހި ރެޑްކްރެސެންޓް ގައި ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާތާ މި ވީ ތިން އަހަރުގެ ތެރޭގައި ހަނދާނުން ފިލުވާނުލެވޭނެ ދުވަސްތައް ހުރިކަން އިބްރާހީމް ރަޝީދު ފާހަގަކުރިއެވެ.އިބްރާހީމް ރަޝީދުގެ އިތުރުން އިތުރުން އެންމެ ޙަރަކާތްތެރި ދަރުމަވެރިންގެ ތެރޭގައި  އެވޯޑް ހާސިލް ކުރީ އަލީ ހަމީޝް، އިބްރާހިމް ފައިސަލް، އަހްމަދު އުމެއިތު އަދި އަލީ ރަޒީންއެވެ. މީގެ އިތުރުން ރެޑް ކްރެސެންޓްގެ ގޮފިތަކުގެ ތެރެއިން އެންމެ ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރި ވޮލަންޓިއަރުންނަށް ވެސް ވަނީ އެވޯޑް ދީފައެވެ.  އެގޮތުން ހދ. ޅ. ތ. ގއ. ފުވައްމުލަކު އަދި  މާލޭ ގޮފިން އެންމެ ގިނަ ވަގުތު ހޭދަކުރި ދަރުމަވެރިންނަށް އެވޯޑް ދީފައިވެއެވެ.ރޭގެ ޙަފްލާގައި ވަނީ  އިތުރު ތިން ފަރާތަކަށްވެސް ޚާއްޞަ އެވޯޑެއްވެސް ދީފައެވެ. އޭގެ ތެރޭގައި  ފަންސަވީސް އަހަރުން ދަށުގެ ހުރިހާ ދަރުމަވެރިންގެ ތެރެއިން އެންމެ ގިނަ ވަގުތު ޚިދުމަތްކޮށްދީފައިވާ ދަރުމަވެރިޔާއަށް ޔޫތް ވޮލަންޓިއަރ އެވޯޑް ދީފައެވެ. މި އެވޯޑް ލިބުނީ އަހްމަދު ހުމައިދަށެވެ. މީގެ އިތުރުން މިދިޔަ އަހަރު ފިލިޕީންސަށް އެރި ތޫފާންގައި އެހީތެރިވުމަށް، ބައިނަލްއަޤްވާމީ ފެންވަރުގައި ކުއްލި ޙާލަތަށް އިޖާބަދުނުމަށް ދިވެހި ރެޑް ކޮރޮސެންޓްގެ ފަރާތުން ފުތަތަމަ ހޮވުނު ދަރުމަވެރިޔާ އަށް ދޭ  އެވޯޑް މޫސާ ޝިފާޒް ވަނީ ހޯދާފައެވެ. އަދި، ފަލަސްތީން ރިލީފް ފަންޑަށް ފައިސާ ހޯޑުމަށް ދިވެހި ރެޑް ކްރެސެންޓުން ހިންގި ހަރަކާތުގައި، ބޮޑެބެރު ގުރޫޕްތަކުން ކޮށްދެއްވާފައިވާ މަސައްކަތްފާހަގަކޮށް ދިވެހި ރެޑް ކްރެސެންޓުން ވަނީ ޑރ ޝަމާ އަބްދުﷲ ހަމީދަށް ވެސް ޚާއްސަ އެވޯޑެއް އަރުވާފައެވެ. ރޭގެ ޙަފްލާގައި ވަނީ ދަރުމަވެރިޔަކު ހަދިޔާކޮށްފައިވާ ލަވައެއްވެސް އިފްތިތާޙްކޮށްފައެވެ.