ޚަބަރު

ބަޖެޓް 2019 - އިޖުތިމާއީ ރައްކާތެރިކަމަށް 3.8 ބިލިޔަން ރުފިޔާ


އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރަން ކުރެވޭ ޚަރަދުގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ 2019 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނައިފިއެވެ.

އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ދާއިރާއިން އެންމެ ބޮޑު ޚަރަދެއް ހިނގާނެކަމަށް 2019 ވަނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވަނީ ޕެންޝަންއަށާއި މުސްކުޅިކުރައްވާ މުވައްޒަފުންނަށާއި ވަކި ޚިދުމަތެއް ނުކޮށްތިބޭ މީހުންންނަށް ކުރާ ޚަރަދަށެވެ. އެގޮތުން ޕެންޝަންއަށާއި މުސްކުޅިކުރައްވާ މުވައްޒަފުންނަށާއި ވަކި ޚިދުމަތެއް ނުކޮށްތިބޭ މީހުންނަށް ކުރާ ޚަރަދުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

2019 ވަނަ އަހަރުގެ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޝަރަރީ އަހުމަދު މުނައްވަރު ވިދާޅުވީ މުވައްޒަފުންނަށް ކުރެވޭ ހޭދަ މާލީގޮތުން ދެމެހެއްޓެނިވި ގޮތަކަށް ބައްޓަން ކުރުމަށްޓަކައި، އެކަމާ ގުޅުންހުރި ސިޔާސަތުތަކުން މުސްތަޤްބަލަށް ކުރާ އަސަރު ދެނެގަނެ، ތަންފީޒުކުރުން މުހިންމުކަމެއްކަމަށެވެ. ދައުލަތުން އެންމެ ބޮޑު ޚަރަދެއް ހިނގާ ކަމަކީ މުވައްޒަފުންގެ މުސާރަ އާއި ޕެންޝަންކަން ފާހަގަކުރައްވާ ފިނޭންސް މިނިސްޓަރ ވަނީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި މުސާރައާއި ޕެންޝަނަށް 41.3 ބިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ.

"މުވައްޒަފުންނަށް ކުރެވޭ ހޭދަ މާލީގޮތުން ދެމެހެއްޓެނިވި ގޮތަކަށް ބައްޓަން ކުރުމަށްޓަކައި، އެކަމާ ގުޅުންހުރި ސިޔާސަތުތަކުން މުސްތަޤްބަލަށް ކުރާ އަސަރު ދެނެގަނެ، ތަންފީޒުކުރުން މުހިންމު. އެގޮތުން 2016 ވަނަ އަހަރުގެ ފަހުކޮޅު، ނޭޝަނަލް ޕޭ ކޮމިޝަން އުފެދި، މުވައްޒަފުންގެ މުސާރަ އާއި ޕެންޝަނަށް ކުރާ ހޭދައިން ދައުލަތަށް ކުރާ މަންފާ އިތުރުކުރުމަށް ދިރާސާތަކެއް ދަނީ ކުރެވެމުން. ޕޭ ކޮމިޝަނުން މިހާތަނަށް ކޮށްފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި، ދައުލަތުގެ މުވައްޒަފުންގެ މުސާރައިގެ ބޮޑެތި ފަރަގުތަކެއް އެބަހުރި. ވީމާ، ޖުމުލަކޮށް މުވައްޒަފުންނަށް ކުރާ ޚަރަދުތައް ދެމެހެއްޓެނިވި އޮނިގަނޑަކަށް ބައްޓަންކުރަން ޖެހޭ." ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން ޢާންމުކުރި ބަޖެޓުގައި 79 މިލިއަން ރުފިޔާ ކުޑަކުދިންނާއި ޢާއިލީ ޚިދުމަތްތަކަށް ކަނޑައަޅާފައިވާއިރު 38 މިލިއަން ރުފިޔާ ޔަތީމު ކުދިންނަށާއި ބަލަދުވެރިޔަކު ނެތް ފަރާތްތަކަށް ކުރާ ޚަރަދުގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އަދި ބަލިމީހުންނަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެހީގެ ގޮތުގަ 1.2 ބިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ކަނޑައަޅާފައެވެ. މީގެ ތެރެއިން 1 ބިލިއަން ރުފިޔާ އާސަންދައަށް ކަނޑައަޅާފައިވާއިރު ދައުލަތުން ބޭސްފަރުވާއަށް ދޭ އެހީގެ ގޮތުގައި 61 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ފިނޭންސް މިނިސްޓްރީއިން ޢާންމުކުރި ބަޖެޓުގައި އިޖުތިމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ އެހެނިހެން ޚަރަދުގެ ގޮތުގައި ބިލިއަނެއްހާ ރުފިޔާ ކަނޑައަޅާފައިވާއިރު ތެލުގެ އަގު ހެޔޮކުރުމުގެ ގޮތުން ދޭ ފައިސާގެ ގޮތުގައި 500 މިލިއަން ވަނީ ކަނޑައަޅާފައެވެ. އަދި ކާބޯތަކެތި އަގު ހެޔޮކުރުމުގެ ގޮތުން ދޭ ފައިސާގެ ގޮތުގައި 230 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ކަރަންޓު އަގު ހެޔޮކުރުމުގު ގޮތުން ދޭ ފައިސާގެ ގޮތުގައި 273 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު ކުނި އުކާލުން އަގުހެޔޮކުރުމުގެ ގޮތުން ދޭ ފައިސާގެ ގޮތުގައި 70 މިލިއަން ރުފިޔާ 2019ގެ ބަޖެޓުގައި ވަނީ ކަނޑައަޅާފައެވެ.