ޚަބަރު

މަސްތުވާތަކެއްޗާއެކު ރ.ދުވާފަރުން މީހަކު ހައްޔަރުކޮށްފި


މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 5 ސެލޯފިންކޮޅާއެކު މީހަކު ރ. ދުވާފަރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ދުވާފަރު ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ދުވާފަރު ޕޮލިސް ސްޓޭޝަނަށް ލިބުނު މަޢުލޫމާތާކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ރޭ 22:30 ހާއިރުއެވެ.

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 5 ސެލޯފިންކޮޅު ފެނިފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު އެގޭ ތެރެއިންނެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މީހާއަކީ މާރާމާރީއާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެކެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ރ. ދުވާފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.