ޚަބަރު

އައު ސަރުކާރުން ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާނެ- ޓްރާންސިޝަން ކޮމިޓީ


އައު ސަރުކާރުން ވެރިކަމާ ޙަވާލުވުމަށްފަހު ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅުމަށް ތައްޔާރުވަމުންދާކަމަށް ވެރިކަން ބަދަލުވުމުގެ މަރުހަލާ ކަންކަން ކުރިއަށްގެންދާ ޓްރާންސިޝަން ކޮމިޓީން ބުނެފިއެވެ.

ޓްރާންސިޝަން ކޮމިޓީން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެކޮމިޓީގެ މެމްބަރު އިބްރާހިމް އަމީރު ވިދާޅުވީ، ބަޖެޓް ހުށަހަޅާފައިވާ ގޮތުން އައު ސަރުކާރުން ބޭނުންވާ ކަންކަން ހިންގުމަށް ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ. އެހެންކަމުން އައު ސަރުކާރުން ބޭނުންވާ ކަންކަން ހިމަނައިގެން ސަޕްލިމެންޓަރީ ބަޖެޓެއް ވެރިކަމާ ހަވާލުވާތާ ހައެއްކަ މަސްދުވަސްތެރޭގައިި ހުށަހަޅުއްވާނޭކަމަށް އަމީރު ވިދާޅުވިއެވެ.

ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ޓްރާންސިޝަން ކޮމިޓީގެ ކޯ-ޗެއަރ އަހުމަދު ނާޝިޒް ދެއްކެވި ވާހަކަފުޅުގައި ދައުލަތުގެ ބަޖެޓުން ދަރަނީގެ ގޮތުގައި ބޮޑު ހޭދައެއް ކުރަންޖެހުމަކީ ދިމާވާނެ ބޮޑު ގޮންޖެހުމެއްކަމަށް ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން އައު ސަރުކާރުން ކުރިއަށްގެންދަން ބޭނުންވާ ތަރައްޤީގެ އައު މަޝްރުޢޫތައް ހިންގުމަށް ގޮންޖެހުންތައް ކުރިމަތިވާނޭކަމަށް އޭނާ ވިދާޅުވިއެވެ.

2019 ވަނަ އަހަރަށް 29.6 ބިލިއަން ރުފިޔާގެ ބަޖެޓެއް އެކުލަވާލާފައިވާއިރު އައު ސަރުކާރުން އެންމެ އިސްކަމެއް ދޭނީ ފެނާއި ނަރުދަމާގެ މައްސަލަތައް ހައްލުކުރުމަށާއި ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށްކަމަށް ޓްރާންސިޝަން ކޮމިޓީން ބުނެއެވެ. އެގޮތުން 72 ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމްވެގެންދާނެކަން ޓްރާންސިޝަން ކޮމިޓީން ފާހަގަކުރިއެވެ.