ޚަބަރު

ޗައިނާއިން ނަގާފައިވާ ލޯނުގެ އަދަދު 3.2 ބިލިއަން ޑޮލަރަކަށް ނާރާނެ- އިކޮނޮމިކް މިނިސްޓަރ


ޗައިނާއަށް ރާއްޖެއިން 3.2 ބިލިއަން ޑޮލަރުން ދަރާފައިވާކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅު ސަރުކާރުން ދޮގުކޮށްފިއެވެ.

ރާއްޖޭގެ މިނިވަން ކަމަށް އަސަރު ކުރާ މިންވަރަށް ރާއްޖެއިން ޗައިނާއަށް ދަރާފައިވާ ކަމަށާއި އެއީ ރައްޔިތުން ވިސްނާލަންޖެހޭ ވަރުގެ ބޮޑު ކަންބޮޑުވުމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ހއ. ދިއްދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ޗައިނާއާއި ރާއްޖެއާ ގުޅުވައިގެން ކުރީގެ ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅަކީ އިތުރުފުޅެއް ކަމަށެވެ. އަދި ޗައިނާއިން ނަގާފައިވާ ލޯނުގެ އަދަދު ނަޝީދު ވިދާޅުވާ އަދަދާ ގާތްވެސް ނުކުރާކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ސައީދު ވިދާޅުވީ މި ސަރުކާރުން ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައި ވާނީ އެއްވެސް ކަމެއް އޮޅުވާލައިގެން ސިއްރުގޮތުގައި ނޫން ކަމަށާއި މި ސަރުކާރުން ހުރިހާ ކަމެއްވެސް ކޮށްފައިވާނީ ދެފުއް ފެންނަހެން ހާމަކަން ބޮޑު ގޮތުގައި ކަމަށެވެ. އެގޮތުން ރައްޔިތުން ކަންބޮޑުވާން ޖެހޭ ވަރުގެ ދަރަންޏެއް ދެއްކުމުގެ ޒިންމާ ދައުލަތަށް އުފުލަން ޖެހިފައި ނުވާނެ ކަމަށާއި ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ފައިސާގެ ތަފްސީލް ވަރަށް އަވަހަށް ހާމަ ކުރައްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޗައިނާއިން ރާއްޖޭގައި ކުރިއަށް ގެންދިޔަ ޕްރޮޖެކްޓްތައް ހިންގާފައިވަނީ އެތައް ގުނައެއް އަގު ބޮޑުކޮށް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތައްވެސް މިނިސްޓަރ ސައީދު ވަނީ ދޮގު ކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކާއި ޚިލާފަށް ރާއްޖޭގައި ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް މި ސަރުކާރުން ލޯނު ނަގާފައިވާނީ ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއްގޮތަށް ކަމަށެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީއާއި ލޯނު އެހީގައި މި ސަރުކާރުން ހިންގި ޕްރޮޖެކްޓަކުގެ ތެރޭގައި މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމާއި ބޯހިޔާވަހިކަމުގެ ބައެއް ޕްރޮޖެކްޓްތައް ހިމެނެއެވެ.

އެގޮތުން ސިނަމާލެ ބްރިޖަކީ ޗައިނާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދިން 116 މިލިއަން ޑޮލަރާއި ލޯނުގެ ގޮތުގައި ދޫކުރި 72 މިލިއަން ޑޮލަރުގެ އިތުރުން ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެކެވެ. އަދި އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތަކީ ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.