ސިއްހަތު

ޑެންގީހުމަށް ސަމާލުވުމަށް އެޗް ޕީ އޭ އިން އިލްތިމާސް ކޮށްފި

މިދުވަސްވަރަކީ ޑެންގީ ހުން އިތުރުވާ ދުވަސްވަރެއްކަމުން ޑެންގީން ހުމުން ރައްކާތެރިވުމަށް،  މަދިރި މަދުކުރުމުގެ މަސައްކަތްތައް ކުރިޔަށްގެންދިއުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކޮށްފިއެވެ.މިކަމަށް އިލްތިމާސްކޮށްފައިވަނީ  އެ އެޖެންސީން ނެރެފައިވާ ހެލްތް އެލާރޓްގައެވެ.ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ޑެންގީ ހުން ފެންނަ މިންވަރު އިތުރުވާ ދުވަސްވަރުކަމުގައި ބެލެވިފައިވަނީ ޑިސެންބަރ މަހާއި ޖެނުއަރީމަހުގައިކަމަށް އެއެޖެންސީން ބުނެފައިވެއެވެ. އެހެންކަމުން ހާއްސަކޮށް މިދުވަސްވަރު ޑެންގީ ހުމުން ރައްކާތެރިވުމުގެ ގޮތުން ދުރާލާ މަދިރި މަދުކުރުމުގެ މަސައްކަތް ކުރިޔަށްގެންދިއުމަށް އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މަދިރި ކޮންޓްރޯލް ކުރުމަކީ އެންމެންގެ ޒިންމާއެއްކަމުގައި ވާތީ ރައްކާތެރި ވުމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް އެޖެންސީން ވަނީ އެދިވަޑައިގެންފައެވެ.ޑެންގީން ރައްކާތެރި ވުމަށްޓަކައި ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ހަފްތާޔަކު އެއްފަހަރު ގެއާއި ގޯތިތެރޭގައި ފެން ހަރުލާ ގޮތައް ހުންނަ ތަންތަން ނައްތާލުން ހިމެނެއެވެ. އަދި ގޯތިތެރެއާއި ވައިގޮޅި ފަދަ ތަންތަނަށް ކުނި އުކާލުމުގެ ބަދަލުގައި ޑަސްބިންތަކަށް ކުނި އުކާލުމާއި ކުނިއުކާލާ ޑަސްބިންފަދަތަކެތި ފެންނޭޅޭ ގޮތަށް މަތި ބަންދުކޮށްފައި ބެހެއްޓުން ފަދަ ކަންތައް ކުރެވިދާނެއެވެ.ހުން އައިސް ތިންދުވަހަށް ވުރެ އިތުރުވާނަމަ ޑޮކްޓަރެއް ނުވަތަ ސިއްޙީ އެހީތެރިއެއްގެ ލަފައާ އިރުޝާދު ހޯދުމަށް އެ އެޖެންސީންބުނެފައިވެއެވެ.