ޚަބަރު

އުމުރުން 65 އަހަރުވުމުން ރައީސްކަމަށް ވާދަނުކުރެވޭ އިޞްލާޙު އުވާލަނީ


އުމުރުން 65 އަހަރުވުމުން ރައީސުލްޖުމްޙޫރިއްޔާކަމުގެ މަޤާމަށް ވާދަނުކުރެވޭ ގޮތަށް ޤާނޫނު އަސާސީއަށް ގެނެސްފައިވާ އިޞްލާޙު އުވާލަން މަޖިލީހަށް ހުށަހަޅައިފިއެވެ.

މި އިޞްލާޙު މަޖިލީހަށް ހުށަހެޅީ ޕީޕީއެމް ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފަލާހު ވިދާޅުވީ، މި އިޞްލާޙު އުވާލަން މަޖިލީހަށް ހުށަހެޅީ މިއަދު ކަމަށެވެ. އެހެންކަމުން އެއިޞްލާޙު އުވާލުމާއެކު އުމުރުން ދުވަސްވީ ބޭފުޅުންނަށް ރައީސް ކަމަށް ކުރިމަތިލުމަށް މިހާރު އޮތް ޤާނޫނީ ހުރަސް ނެތިގެން ދާނެއެވެ.

ފަލާހު މިގޮތަށް ވިދާޅުވިއިރު، ރައީސުލްޖުމްޙޫރިއްޔާގެ މަޤާމަށް ވާދަކުރައްވާ ބޭފުޅެއްގެ އުމުރާ ގުޅޭގޮތުން ކުރިން މަޖިލީހުގައި ވަނީ ވަރަށް ހޫނުކޮށް ބަހުޘްކޮށްފައެވެ. އެގޮތުން އޭރު އިދިކޮޅުގައި ތިއްބެވި މަޖިލިސް މެންބަރުން ވަނީ އެ އިޞްލާޙަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއި ކުރީގެ ރައީސް މަޢުމޫނު ޢަބްދުލްޤައްޔޫމަށް ވާދަނުކުރެވޭ ގޮތަށް ގެނެސްފައިވާ ބަދަލެއް ކަމަށެވެ.

އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ރައީސް ކަމަށް ކުރިމަތި ނުލެވޭ ގޮތަށް 2015 ވަނަ އަހަރު ޤާނޫނު އަސާސީ އަށް އިޞްލާޙު ގެނައީ ޕީޕީއެމް، އެމްޑީއޭގެ ކޯލިޝަނުގެ މެމްބަރުންނާއި ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީގެ ބައެއް މެމްބަރުންގެ ތާޢީދާ އެކުއެވެ. މަޖިލީހުގެ މިހާރުގެ ރައީސް ޤާސިމް އިބްރާހީމްވެސް ވަނީ އެއިޞްލާޙަށް ވޯޓް ދެއްވާފައެވެ.