ޚަބަރު

އެއްކޮށް މިނިވަންކޮށްދެއްވާނެ ކަމަށް އިންތިޚާބީ ރައީސް ވިދާޅުވި - ކާނަލް ނާޒިމް


ސުޕްރީމް ކޯޓުގެ ޢަމުރާއެކު ބަންދުން ސަލާމަތްވެވަޑައިގަން ނަވަމެސް، ރިޔާސީ އިންތިޚާބުގެ ފަހުން އެއްކޮށް މިނިވަންކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އިންތިޚާބީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހު ދެއްވި ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ކާނަލް ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓުން ފިސްތޯލައެއް ފެނުނު މައްސަލާގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި 11 އަހަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރުއެވެ. އެ ޙުކުމަށް ހައިކޯޓުން ވަނީ ތާއިދުކޮށްފައެވެ.

ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެމަނިކުފާނުގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް އެދި އަމުރެއް ނެރެފައެވެ. އެމަނިކުފާނުގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރުކުރުމާ ގުޅިގެން އާދިއްތަދުވަހުގެރޭ ރާއްޖެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ކާނަލް ނާޒިމް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކުރިން އިބްރާހީމް މުޙައްމަދު ޞާލިހު އެމަނިކުފާނުގެ ގެކޮޅަށް ވަޑައިގެން ހިތްވަރުދެއްވައި އެއްކޮށް މިނިވަންކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަމަށެވެ.

ކާނަލް ނާޒިމް ވިދާޅުވީ ބަންދުގައި ހުންނެވިއިރުވެސް ތަފާތު އެކި ފަހަރު މަތިން އިންތިޚާބީ ރައީސް އެމަނިކުފާނާ ބައްދަލުކުރައްވާ ހިތްވަރުދެއްވި ކަމަށާއި އަދި މިނިވަންވުމުން ފޯނުން ގުޅުއްވައި މަރުޙަބާ ދެންނެވި ކަމަށެވެ.

"އަޅުގަނޑު ބޭސްފަރުވާއަށް ގޭގަ ހުންނަވަނިކޮށް އިންތިޚާބީ ރައީސް ވަޑައިގެން އަޅުގަނޑުގެ އާއިލާއާއި ބައްޕައާއެކު ބައްދަލުކުރައްވާ މިފުރުސަތު އަޅުގަނޑަށް ނުލިބުނުނަމަ މިނިވަންކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑަށް ދެއްވި. އެހެންކަމުން މިފުރުސަތުގައި އިންތިޚާބީ ރައީސްއަށް ވަރަށް ބޮޑު ޝުކުރެއް ދަންނަވަން." ކާނަލް ނާޒިމް ވިދާޅުވިއެވެ.

ކާނަލް ނާޒިމް ވިދާޅުވީ އެމަނިކުފާނު ޑިފެންސް މިނިސްޓަރަކަށް ހުންނެވިއިރު ހައްޔަރުކުރެވުނު ގޮތަށް ނުވަތަ ފްރޭމް ކުރެވުނު ގޮތަށް އެއްވެސް ދިވެހި ރައްޔިތަކަށް އެފަދަ ދެރަކަމެއް ވުމަށް ނޭދޭ ކަމަށާއި އަދި ކޯލިޝަންގެ ސަރުކާރެއްގައި އެފަދަ ކަމެއް ހިނގުމަށް ޖާގަ ނުދެއްވާނެ ކަމަށެވެ. އެގޮތުން އެމަނިކުފާނު ހުންނަވާނީ އަބަދުވެސް ސިޔާސީ ބޭފުޅުންނާއެކު ޤައުމު ހަމަ މަގަށް އެޅުވުމަށް އަތުކުރި އޮޅާލައިގެން ކަމަށް ކާނަލް ނާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑާ އެންމެ އަވަހަށް އިންތިޚާބީ ރައީސް ބައްދަލުވާއިރު އަޅުގަނޑު މިހުންނަނީ ދައްކަން ހިތުލައިގެން މި މައްސަލަ ފުރިހަމައަށް ތަހުޤީގުކޮށް މިޖަރީމާ ހިންގި ފަރާތްތަށް އިންސާފުގެ ކުރިމައްޗަށް ގެނެސްދިނުމަށް އެދެން. އަޅުގަނޑު ގަބޫލުކުރަނީ ފުލުހުންގެ ތެރެއިން ފުލުހުންގެ ކުރީގެ ކޮމިޝަނަރު ހުސައިން ވަޙީދު އާއި ރައީސް ޢަބްދުﷲ ޔާމީން މިކަމުގައި ބައިވެރިވެގެން ހިންގާފައި އޮތް ޖަރީމާއެއްގެ ގޮތުގަ. މިކަން އެބަޖެހޭ ތަހުގީގުކޮށް މިކަމުގައި ބައިވެރިވި ހުރިހާ އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނަން." ކާނަލް ނާޒިމް ވިދާޅުވިއެވެ.

ކާނަލް ނާޒިމް ވިދާޅުވީ، ޑިފެންސް މިނިސްޓަރަކަށް ހުންނަވާ ބޭފުޅެއްގެ ގެކޮޅަށް ފުލުހުންނަށް ވަދެވޭނީ އެއިރެއްގައި ހުންނަވާ ރައީސަކަށް އެކަން އެނގިވަޑައިގެން ކަމަށާއި އެހެންކަމުން މިހާރުގެ ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު މިކަމުގެ ފުރިހަމަ ޒިންމާ ނަންގަވަންޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި އެއީ އެދޭ ގޮތްކަމަށް ވެސް ކާނަލް ނާޒިމް ވިދާޅުވިއެވެ.