ޚަބަރު

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމް ރާއްޖެ ވަޑައިގެންފި


ބޭސްފަރުވާއަށް މެލޭޝިއާގައި ހުންނެވި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ރާއްޖެ ވަޑައިގެންފިއެވެ.

ކާނަލް ނާޒިމް އެނބުރި ރާއްޖެ ވަޑައިގެންނެވިއިރު، އޭނާގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމަވާފައިވަނީ އެމައްސަރަ ރިވިއުކުރުމަށް ހުށަހަޅާފައިވާ މައްސަލަ ވަކިގޮތަކަށް ނިމެންދެން ނާޒިމްގެ 11 އަހަރުގެ ޖަލުޙުމުން ތަންފީޒުކުރުން ފަސްކުރުމަށާއި އެ ހުކުމް ތަންފީޒުކުރުމުގެ ގޮތުން ނާޒިމްގެ މައްޗަށް އެއްވެސް އިދާރާއަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަމުރުކުރުމަށެވެ.

ކާނަލް ނާޒިމް ރާއްޖެ ވަޑައިގަތުމުން ވެނާލާ އިންޓަނޭޝަނަލް އެއަޕޯޓުން އޭޏާގެ އާއިލާގެ ބޭފުޅުންނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމާއި، ޢަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲ އާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ މަރުޙަބާ ދަންނަވާފައެވެ.

ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓުން ފިސްތޯލައެއް ފެނުނު މައްސަލާގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި އޭނާ 11 އަހަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރުއެވެ. އެ ހުކުމަށް ހައިކޯޓުންވެސް ވަނީ ތާއިދުކޮށްފައެވެ. ސުޕްރީމް ކޯޓުގައި މައްސަލަ ނާޒިމްގެ ފަރާތުން އިސްތިއުފާކުރުމުން 2016 ވަނަ އަހަރުގެ ތެރޭގައި އެ ކޯޓުން ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ.

ކާނަލް ނާޒިމް މެލޭޝިއާއަށް ބޭސްފަރުވާއަށް ވަޑައިގެންފައިވަނީ ރިޔާސީ އިންތިހާބަށްފަހު މިދިޔަ މަހުގެ ފަސް ވަނަ ދުވަހުއެވެ. އޭނާގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައިވަނީ އޭނާ މެލޭޝިއާގައި ހުންނަވަނިކޮށެވެ.