ޚަބަރު

އަބުރުގެ ޤާނޫނު އުވާލުމާއި ޖޭ.އެސް.ސީން ރިޒާ ވަކިކުރުމުގެ މައްސަލަ މާދަމާއަށް ތާވަލުކޮށްފި


އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އުވާލުމާއި ޖޭއެސްސީއަށް ޢައްޔަން ކުރައްވާފައިވާ މަޖިލީހުގެ މެމްބަރު އެ މަޤާމުން ވަކިކުރުމުގެ މައްސަލަ ހޯމަ ދުވަހު އޮންނަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީއަށް މަޖިލީހުގެ ފަރާތުން ޢައްޔަން ކުރައްވާފައިވާ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާޙިމް ރިޒާ މަޤާމުން ވަކި ކުރެއްވުމަށް ހުށަހަޅާފައިވާ މައްސަލައިގެ އިބްތިދާޢީ ބަހުސްއާއި އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އުވާލުމަށް ހުށަހެޅި ބިލުގެ އިބްތިދާޢީ ބަހުސްއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭ.އެސް.ސީއަށް މަޖިލީހުގެ ފަރާތުން ޢައްޔަން ކުރައްވާފައިވާ މެމްބަރުގެ މައްޗަށް ޤާނޫނުން ލާޒިމްކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރަމުން ނުދާ ކަމަށްބުނެ އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ. މިމައްސަލައަށް ބަހުސްކުރުމަށް 2 ގަޑިއިރު ކަނޑައަޅާފައިވާއިރު، މައްސަލައަށް ޖަވާބުދާރީވުމަށް ރިޒާއަށް 15 މިނެޓް ދިނުމަށް ވަނީ ނިންމާފައެވެ.

މިކަންކަމުގެ އިތުރުން މާދަމާގެ ޖަލްސާއަށް އިތުރު 2 ބިލެއްގެ އިބްތިދާއީ ބަހުސް ވަނީ އެޖެންޑާކޮށްފައެވެ. އެއީ ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ހުށަހެޅުއްވި މޯލްޑިވްސް މީޑިއާ ކޮމިޝަންގެ ބިލާއި ސަރުކާރުގެ ފަރާތުން ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ހުށަހެޅުއްވި ރާއްޖޭގެ ބޭންކިންއާބެހޭ ޤާނޫނު އިސްލާހު ކުރުމުގެ ބިލެވެ.

ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވާ ގިނަ ބިލްތަކަކަށް ބަހުސް ކުރުމަށް އެޖެންޑާ ކޮށްފައިވާއިރު، މިއީ ރައްޔިތުން މަޖިލީހުގެ ރައީސްގެ މަގާމުން ފުވައްމުލަކު ދެކުނު ދާއިރާގެ ޕީޕީއެމް މެމްބަރު ޢަބްދުﷲ މަޞީހް މުޙައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެން މަޖިލީހުގެ ރައީސް މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އައްޔަން ކުރެއްވި ފަހުން ބާއްވާ ފުރަތަމަ ޖަލްސާއެވެ.