ޚަބަރު

ކެލިފޯނިއާގެ ޖަންގަލީގައި ރޯވުމުގެ ސަބަބުން މަރުވި މީހުންގެ ޢަދަދު 25 އަށް


އެމެރިކާގެ ކެލިފޯނިއާގެ ޖަންގަލީގައި މިހާރު ރޯވެ އަނދަމުންދާ އަލިފާންގަނޑުގެ ސަބަބުން މަރުވި މީހުންގެ ޢަދަދު ފަންސަވީހަށް އަރައިފިއެވެ.

މީގެ ތެރެއިން ތޭވިސް މީހުން މަރުވެފައިވަނީ ކެލިފޯނިއާ ސްޓޭޓްގެ އުތުރުގައި އޮންނަ ޕެރެޑައިސް ނަމަކަށް ކިޔާ ރަށުގައި ކަމަށް، ކެލިފޯނިއާގެ އޮފިޝަލުން މަޢުލޫމާތުދެއެވެ. އަދި އަނެއް ދެ މީހުން މަރުވެފައިވަނީ ދެކުނުގެ ސަރަހައްދުތަކުގައި ކަމަށްވެސް އޮފިޝަލުން ބުނެއެވެ.

ކެލަފޯނިއާގެ ތިން ސަރަހައްދެއްގައި މިހާރު ރޯވެ އަނދަމުންދާ މި ބޮޑެތި އަލިފާންގަނޑުތަކުން ސަލާމަތްވުމަށް، އެ ސަރަހައްދުތަކުގައި ދިރިއުޅޭ ދުއިސައްތަ ފަންސާސް ހާސް މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ މި އަލިފާންގަނޑުގައި މިހާތަނަށް ހަ ހާސް ހަތް ސަތޭކަ ގެދޮރާއި ވިޔަފާރިކުރާ ތަންތަން އަނދާ ހުލިވެފައިވާކަމަށެވެ. އަދި މި އަލިފާންގަނޑު މުޅިން ކޮންޓްރޯލްކުރުމަށް މަދުވެގެން ތިން ހަފުތާ ނަގާނެ ކަމަށްވެސް އަލިފާން ނިއްވަން މަސައްކަތްކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.

މިއީ ކެލިފޯނިއާ ސްޓޭޓްގެ ތާރީޚުގައިވެސް އެ ސްޓޭޓްގެ ޖަންގަލިތަކުގައި ރޯވެ، އެންމެ ބޮޑެތި ގެއްލުންތައް ރެކޯޑުކުރެވުނު ފަހަރެވެ.