ޚަބަރު

އަނބުރާ ނުނަގާނެކަމަށް ބުނީ ދިއްދޫ ފްލެޓްތައް އެކަނި - ރައީސް ނަޝީދު


އެންމެ ހައްޤުވެރިފަރާތްތަކަށް ނުލިބުނު ނަމަވެސް ފްލެޓްތައް އަނބުރާ އަތުލުމުގެ ޚިޔާލު ނުގެންގުޅުއްވާކަމަށް ވިދާޅުވެ ދެއްކެވީ ސަރުކާރުން ހއ. ދިއްދޫގައި އިމާރާތްކޮށް ދޫކުރި ފްލެޓްތަކުގެ ވާހަކައެކަނިކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ދޫކޮށްފައިވާ ފްލެޓްތައް އަތުލުމުގެ ވިސްނުމެއް އެމްޑީޕީގެ ސަރުކާރުން ނުގެންގުޅޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާކަމަށް ބައެއް މީޑިއާތަކުގައި ޚަބަރު ފަތުރާފައިވަނީ އެމަނިކުފާނު ދިއްދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. މިކަމާ ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ދޫކޮށްފައިވާ ފްލެޓްތައް އަނބުރާ އަތުނުލާނެކަމަށް ވިދާޅުވީ އެވަގުތު އެވާހަކަފުޅުދައްކަވަން ހުރި ދިއްދޫގައި އިމާރާތްތްކޮށް، މީހުން ދިރިއުޅޭން ދޫކުރި ފުލެޓްތަކުގެ ވާހަކަ ކަމަށާއި، އެއީ ހުޅުމާލެއިން ދިނުމަށް ލިސްޓުތައް އާންމުކުރި ފްލެޓްތަކުގެ ވާހަކަނޫންކަމަށެވެ.

ފްލެޓްތަކާއި ގުޅިގެން ދެއްކެވި ވާހަކަފުޅުގެ ޙަޤީގަތް ހާމަކޮށް ރައީސް ނަޝީދުކުރެއްވި ޓުވީޓް

ދިއްދޫގައި އެމްޑީޕީގެ އޮފީހެއް ހުޅުވުމަށް ބޭއްވި ރަސްމިއްުޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ދިއްދޫއާއި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އަޅާފައިވާ ފްލެޓުތައް ދޫކޮށްފައިވަނީ އޭގެ އެންމެ ހައްގުވެރި ފަރާތްތަކަށް ނޫންކަމަށް ވިޔަސް، އެ ފްލެޓްތަކުގައި ދިރިއުޅެނީ ދިވެހިންނަށް ވާތީ އެތަންތަން އަނބުރާ އަތުލުމުގެ ޚިޔާލެއް ނުގެންގުޅުއްވާކަމަށެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅާއި ގުޅިގެން ހުޅުމާލެއިން ދޫކުރި ފްލެޓްތައް އަންބުރާ ނެގުމުގެ ވިސްނުމެއްނެތްކަމަށްބުނެ މީިޑިއާތަކުގައި ޚަބަރު ފެތުރުމާއި ގުޅިގެން ބައެއް ފަރާތްތަކުން ވަނީ އެކަމަށް މަރުހަބާކިޔާފައެވެ. އަދި ބައެއް ފަރާތްތަކުން ވަނީ އެކަމަށް ފާޑުވިދާޅުވެ ވާހަކަދައްކާފައެވެ.

މި ސަރުކާރުން ފްލެޓްތައް ދޫކޮށްފައިވަނީ ސުވާލު އުފެދޭގޮތަށްކަމަށާއި، ފްލެޓްތައް ދޫކޮށްފައިވާގޮތް އައު ސަރުކާރުން ބަލާނެ ކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހްގެ ތަރުޖަމާން މާރިޔާ އަޙްމަދު ދީދީ ވަނީ ވިދާޅުވެފައެވެ.