ވިޔަފާރި

03 އަހަރު ދުވަހުގެ ތެރޭގައި އެސް.ޓީ.އޯގެ ދަރަނި ދައްކާ ނިމޭނެ-


ކުރިއަށް އޮތް 03 އަހަރު ދުވަހުގެ ތެރޭގައި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސް.ޓީ.އޯގައި އޮތް 180 މިލިއަން ޑޮލަރުގެ ދަރަނި ދައްކާ ޚަލާސް ކުރެވޭނެ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.އާޒިމް ވިދާޅުވީ، އާމެނޭޖްމެންޓުން އެކުންފުންޏާއި ހަވާލުވި އިރު 180 މިލިއަން ޑޮލަރުގެ ދަރަންޏެއް އޮތްކަމަށާއި، ނަމަވެސް މިހާރު އެ ދަރަނީގެ 51 މިލިއަން ޑޮލަރު ދައްކާފައިވާނެ ކަމަށެވެ.މީގެ ކުރިން އެކުންފުންޏަށް ގެއްލުން ވަމުން ދިޔައީ ބިލް ދެއްކުމަށް ނަގާފައިވާ ލޯނުތަކެއް ނުދައްކައިގެން ކަމަށާއި، އެއްވެސް އިންވެސްޓްމެންޓެއް ކުރުމަށް ލޯނު ނަގާފައި ނުވާކަމަށްވެސް އާޒިމް ވިދާޅުވިއެވެ. އަދި އެ ކުންފުންޏަށް ވަމުން އަންނަ ގެއްލުން ފޫބައްދާ މިހާރު ކުންފުންޏަކީ ފައިދާވަމުން އަންނަ ކުންފުންޏެއް ކަން ފާހަނގަކުރައްވާ އާޒިމް ވިދާޅުވީ، ފާއިތުވި ދެމަހުގެ ތެރޭގައިވެސް ފައިދާގެ ގޮތުގައި 45 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި އެސް.ޓީ.އޯގެ ދަރަނިތައް ދައްކަމުން ދަނީ އެކުންފުންޏަށް ލިބެމުން އަންނަ ފައިދާގެ ތެރެއިން ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.