ޚަބަރު

ޔާމީން ރަޝީދުގެ "ބަގީޗާ" ފިލްމު އިންތިޚާބީ ރައީސް ޕްރިމިިއަރ ކޮށްދެއްވައިފި


ސެލްމިން އެނިމޭޝަން ސްޓޫޑިއޯއިން ތައްޔާރުކުރި ފުރަތަމަ އެނިމޭޓެޑް ފިލްމު "ބަގީޗާ" މިއަދު ޝްވެކް ސިނަމާގައި އަޅުވައިފިއެވެ.

އިންތިޚާބީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ޝަރަފުވެރި ކޮށްދެއްވި މި ފިލްމު އެޅުވީ ހުޅުމާލޭގައި ހުންނަ ޝްވެކް ސިނަމާގައެވެ. ދިރިއުޅުމުގައި ދިމާވާ ތަފާތު މައްސަލަތައް ފެނިގެންދާ މި ފިލްމަކީ ދިވެހިންގެ އާދަކާދައާ ސަޤާފަތް ދައްކުވައިދޭ ފިލްމެކެވެ.

ކުޑަކުދިންނާއި ބޮޑެތި މީހުންނާއިވެސް ގުޅޭގޮތަށް އުފައްދާފައިވާ އާއިލީ މި ފިލްމުގެ ދިގު މިނަކީ އެއްގަޑިއިރެވެ.

މި ފިލްމު ނިންމާލުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން އިންތިޚާބީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވީ އެނިމޭޓެޑް ފިލްމެއްގައި ހުންނަންޖެހޭ ހުރިހާ ރަހަތަކެއް މި ފިލްމުގައި ހިމެނޭ ކަމަށެވެ. އިންތިޚާބީ ރައީސް ވިދާޅުވީ މިފަދަ މަސައްކަތަކީ ބުރަ މަސައްކަތެއް ކަމަށެވެ.

"ރާއްޖޭގެ ކްލެސިކަލް ޑައިލޮގުތައް ބޭނުންކޮށްފައި ހުރިއިރުގައި ޓެކްނިކާއި އެއްޗެހި، ދެން އައިސް އެނިމޭޓެޑް ފިލްމެއްގައި ފެންނަންވާ ފުރިހަމަކަން އަޅުގަނޑަށް މި ފިލްމުން ފެނިގެންދިޔަ.ބޭރުގެ ޔުނިވަރސަލް ސްޓޫޑިއޯ ނުވަތަ ޑިޒްނީ ވޯރލްޑް ކަހަލަ ތަނެއްގައި ހަދާނަމަ މިއީ އެތައް މިލިއަން މިލިއަން ޑޮލަރެއްގައި ޚަރަދުކޮށްގެން ހެދޭ ކަހަލަ ފިލްމެއް މިއީ. ނަމަވެސް ޔާމީންމެން މީގެ ކްރިއޭޓިވިޓީ ގެނެސްފައި ހުރި ގޮތުން އަޅުގަނޑަށް ފެނިގެންދިޔައީ ރާއްޖޭގެ އާރޓިސްޓުންގެ މޮޅުކަން،" އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

ދިވެހިންގެ މެދުގައި މަޝްހޫރު އެނިމޭޓެޑް ޝޯއެއް ކަމަށްވާ "މާކަނާ ޝޯ" ގެނެސްދީފައިވާ ސެލްމިން އެނިމޭޝަން ސްޓޫޑިއޯއިން ތައްޔާރުކުރި މި ފިލްމުގެ ވާހަކަ ލިޔުނު މުޙައްމަދު ވަޙީދު ބުނީ ފިލްމުން ދައްކުވައިދޭނީ ދިވެހިންގެ އާދަކާދަތަކާއި ދިވެހިންގެ އާއްމު ދިރިއުޅުމުގައި ކުރިމަތިވާ މައްސަލަތައް ކަމަށެވެ. އަދި އެ މައްސަލަތައް ޙައްލު ކުރުމަށް އާއިލާގެ ތެރެއިން ކުރާ މަސައްކަތް ވެސް އެ ފިލްމުން ފެނިގެންދާނެ ކަމަށް އޭނާ ބުންޏެވެ.

"ވާހަކައިން ފެންނާނީ އާއްމު ދިވެހި ދިރިއުޅުން. ދެން ބައެއް އާއިލާތަކުން މި ގެންގުޅޭ ގޮތާއި ތަފާތުތަކެއް ހުރެދާނެ. ކޮންމެ އާއިލާއެއްގައި އެންމެ ބޮޑުން ފެށިގެން އެންމެ ކުޑަ ކުއްޖާއާ ހަމައަށް އެބަހުރޭ ކޮންމެވެސް ޒިންމާތަކެއް ދީފައި. މި ޒިންމާތައް އަޅުގަނޑުމެން އަނބުރާލާފިއްޔާ ދެން ދިމާވާ އެކި އެކި އުނދަގޫތަކާއި އެ އަންނަ ޒިންމާ އަދާ ނުކުރެވިއްޖިއްޔާ ވެދާނެ މައްސަލަތައް މި ފިލްމުން ފެންނަނީ،" ވަޙީދު ބުންޏެވެ.

މާކަނާ ޝޯގެ މަޝްހޫރު ކެރެކްޓަރ "އައްޔަ"ގެ ކެރެކްޓަރ އަށް އަޑު އަޅާފައިވާ މުޙައްމަދު ވަޙީދު ބުނީ އުއްމީދަކީ ބަގީޗާ ފިލްމުގެ ސަބަބުން އެހެން ބަޔަކުވެސް އެފަދަ އެނިމޭޓެޑް ފިލްމުތަކެއް ނެރުން ކަމަށެވެ.

ސެލްމިން އެނިމޭޝަންގެ ވެރިޔާ ޔާމީން ރަޝީދު ބުނި ގޮތުގައި އެފަދަ ފިލްމެއް ހަދަން ނިންމީ އެ ސްޓޫޑިއޯއަށް އެންމެ ފަސޭހައިން ހެދޭނީ އެފަދަ ފިލްމެއް ކަމުގައިވާތީ ކަމަށެވެ. ޔާމީން ބުނީ ފިލްމުގެ ވާހަކައާ ފިލްމުގެ ޑައިލޮގުތަކަށް އަޑު އަޅާފައި ހުންނަތާ ފަސް އަހަރުވެފައިވާ ކަމަށެވެ. ނަމަވެސް ފިލްމުގެ އެނިމޭޝަން މަސައްކަތް ފެއްޓީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ކަމަށެވެ.