ޚަބަރު

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ފުވައްމުލަކުގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފި


ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފުވައްމުލައް ސިޓީގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.

ޔުނިސެފާއި، ފުވައްމުލައް ޕޮލިސް ސްޓޭޝަން އަދި ކޮމިއުނިޓީ ސޯޝަލް ގްރޫޕް (ސީއެސްޖީ) ގުޅިގެން ފުވައްމުލަކު މައިލޯ ސްޓޭޑިއަމްގައި ބޭއްވި މި ހަވީރުގައި ކުޑަކުދިންގެ ތެރޭގައި މިހާރު އެންމެ މަގުބޫލު ކުޅިވަރުތަކާއި، ފުވައްމުލައް ސިޓީގެ އެކި ސްކޫލްތަކުގެ ދަރިވަރުންގެ ހުނަރު ދައްކުވައިދޭ ސްޓޭޖް އައިޓަމްތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން ބެލެނިވެރިންނަށް ކުދިން ތަރުބިއްޔަތު ކުރުމާބެހޭ މައުލޫމާތު ދިނުމަށްޓަކައި، ސަރުކާރުގެ އެކި މުއައްސަސާތަކާއި ސްކޫލްތައް ތަމްސީލު ކުރާ ސްޓޯލްތަކެއްވެސް ވަނީ ބަހައްޓާފައެވެ.

މި ހަވީރުގައި ޕޮލިސް ކޮމިޝަނަރ ހަމްދޫން ރަޝީދާއި ޤައުމީ ޓީމުގެ ދެ ކުޅުންތެރިންކަމަށްވާ އަލީ ފާސިރް (ސެންޓޭ) އާއި، އަކްރަމް އަބްދުލް ޣަނީވެސް ވަނީ ބައިވެރިވެފައެވެ.

މި ހަވީރު އިންތިޒާމު ކުރި ފަރާތްތަކުން ބުނީ މި ހަވީރު ބޭއްވުމުގެ މަގުސަދަކީ، ކުޑަކުދިން ރަނގަޅު މާހައުލެއްގައި މަޖާކޮށްލާ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ފުރުސަތު ހޯދައިދީ، ފުވައްމުލަކުގައި ތިބި ކުޑަކުދިންނަކީ މުސްތަޤުބަލު އުޖާލާ ކުދިންނަށް ހަދައިދިނުން ކަމަށެވެ. އަދި އިއްޔެ ބޭއްވި މި ހަވީރަކީ ވަރަށް ކާމިޔާބު، އާއްމުންގެ ފަރާތުން ހޫނު ތަރުހީބެއް ލިބުނު ހަވީރެއްކަމަށް އެފަރާތްތަކުން މައުލޫމާތު ދީފައިވެއެވެ. އަދި އަންނަން އޮތް އަަހަރުތަކުގައިވެސް މިކަހަލަ ކުޑަކުދިންގެ ހަވީރުތައް ބޭއްވޭނެ ކަަމަށްވެސް އެފަރާތުން މައުލޫމާތުދީފައިވެއެވެ.

2017 ވަނަ އަހަރުވެސް ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ވަނީ ވަރަށް ކުލަ ގަދަކޮށް ފުވައްމުލައް ސިޓީގައި މިދުވަސް ފާހަގަކޮށްފައެވެ. 1959 ވަނަ އަހަރުން ފެށިގެން ބައިނަލް އަޤުވާމީ ފެންވަރެއްގައި ކޮންމެ އަހަރެއްގެ ނޮވެމްބަރުމަހުގެ 20 ވަނަ ދުވަސް ފާހަގަކުރަނީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައެވެ.