ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރި ބާރަ މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުންނަށް މަޖިލީހަށް ހާޒިރުނުވާ ދުވަސްތަކުގައި ލިބެންޖެހޭ މުސާރަ ދޭން ފަށައިފިއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ގޮނޑި ލިބުނު ބާރަ މެމްބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ މެމްބަރަކު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުނުކަމަށް ކަނޑައެޅި ދުވަހުން ފެށިގެން ސުޕްރީމް ކޯޓުގެ ހުކުމް ނެރުމާ ހަމަޔަށް މެމްބަރުންނަށް މަޖިލީހަށް ނުވަދެވިދިޔަ ދުވަސްތަކުގެ މުސާރަ ބައެއް މެމްބަރުންނަށް ލިބިފައިވާ ކަމަށެވެ. އަދި މިހާރު މުސާރަ ނުލިބި ހުރި މެމްބަރުންނަށް ވެސް އާދިއްތަ ދުވަހުން ފެށިގެން މުސާރަ ލިބިގެންދާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.
ޕީއެސްއެމްއަށް މަޢުލޫމާތުދެއްވި މެމްބަރު ވިދާޅުވީ މެމްބަރުންނަށް މަޖިލީހަށް ނުވަދެވި ދިޔަ ދުވަސްތަކުގެ މުސާރަ ލިބުނު ނަމަވެސް އެދުވަސްތަކުގެ ކޮމެޓީ އެލަވަންސް ދީފައިނުވާ ކަމަށާއި، ކޮމިޓީ އެލަވަންސް ދީފައިނުވަނީ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީޙް ސޮއިކުރައްވަންޖެހޭ ލިޔެކިޔުންތަކުގައި ސޮއި ނުކުރައްވައިގެންކަމަށް މެމްބަރު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބާރަ ދާއިރާއެއްގެ މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި އޮންނަތާ ދޮޅު އަހަރެއްހާ ދުވަސް ފަހުން ސުޕްރީމް ކޯޓުން ވަނީ އެ މެމްބަރުންނަށް ގޮނޑި ނުގެއްލޭ ކަމަށް ހުކުމް އިއްވާފައެވެ. އެހެންކަމުން އެމެމްބަރުންނަށް މުސާރައިގެ ގޮތުގައި މިލިއަނަކަށްވުރެ ގިނަ ފައިސާ ދޭންޖެހެއެވެ.