ޚަބަރު

އަފްޣާނިސްތާނުގެ ސުލްޙައިގެ ވާހަކަތައް މޮސްކޯގައި ފައްޓައިފި


އަފްޣާނިސްތާނުގައި ސުލްޙަ ޤާއިމުކުރުމަށްޓަކައި އެ ޤައުމުގެ ސަރުކާރާއި ޠާލިބާން ޖަމާޢަތާދެމެދު މޮސްކޯގައި ސުލްޙައިގެ ވާހަކަތަކެއް ފަށައިފިއެވެ.

ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަޝިޔާ މެދުވެރިއެއްގެ ދައުރު އަދާކުރާގޮތަށް ކުރިއަށްގެންދިޔުމަށް ރާވާފައިވާ އަފްޣާން ސުލްހައިގެ ވާހަކަތަކުގެ ފުރަތަމަ ބުރުގެ ޖަލްސާއެއް ހުކުރުދުވަހު މޮސްކޯގައި ބާއްވައިފިކަމަށެވެ.

އަފްޣާނިސްތާނުގެ ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވުމަށްޓަކައި ޠާލިބާނުންގެ ވަފުދަކާއި އަފްޣާނިސްތާނުގެ ސަރުކާރުގެ މަތީފެންވަރުގެ ވަފުދެއް ބުރާސްފަތި ދުވަހު ވަނީ މޮސްކޯއަށް ގޮސްފައެވެ. ކުރިންވެސް ރާވާފައިވާ ގޮތަށް މިވާހަކަތަކުގެ ފުރަތަމަ ބުރުގެ ފުރަތަމަ ޖަލްސާ ބާއްވާފައިމިވަނީ ނޮވެމްބަރު މަހުގެ ނުވަވަނަ ދުވަހުގައެވެ.

ޠާލިބާން ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ކަނޑައަޅާފައިވާ ޖަމާއަތެއް ކަމުގައިވާ ނަމަވެސް ދާދިފަހުން ޤަތަރުގައި ބޭއްވި އަފްޣާނިސްތާނުގެ ސުލްޙައިގެ ވާހަކަތަކެއްގައި އެމެރިކާގެ މަސްއޫލުވެރިންވެސް ވަނީ ޠާލިބާން މަސްއޫލުވެރިންނާ ބައްދަލުކުރައްވާފައެވެ.

ރަޝިޔާގައި ބޭއްވި އަފްޣާން ސުލްހައިގެ ވާހަކަތަކުގެ ފުރަތަމަ ބުރުގައި އިންޑިޔާ، އީރާން، ޕާކިސްތާން، އަދި ޗައިނާ ހިމެނޭގޮތަށް 10 ގައުމެއްގެ މަސްއޫލުވެރިންވެސް އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވިއެވެ. އެހެންނަމަވެސް އަފްޣާނިސްތާނުގެ ސުލްޙައިގެ ވާހަކަތަކާބެހޭ ތަފްސީލް ރަޝިޔާއިންވެސް އަދި އަފްޣާނިސްތާނުގެ ސަރުކާރުންވެސް ހާމަކޮށްފައެއް ނުވެއެވެ.

އެ ވާހަކަތައް ކުރިއަށް ގެންގޮސްފައިވަނީ ނޫސްވެރިންނަށް ހުޅުވާލައިގެން ނޫންކަމުން ވާހަކަތައް ކުރިޔަށްދިޔަ ގޮތާބެހޭ މަޢުލޫމާތު މީޑިޔާ ރިޕޯޓްތަކުންވެސް ހާމަވެފައެއްނުވެއެވެ. އަނެއްކޮޅުން އަފްޣާނިސްތާނުގެ މައްސަލައަށް ސުލްޙަވެރި ޙައްލެއް ގެނެވެންދެން ޠާލިބާނުންނާއެކު ސުލްޙައިގެ ވާހަކަތައް ކުރިއަށްގެންދިޔުމަށް ހިއްވަރު ދިނުމަށްޓަކައި އަފްޣާނިސްތާނަށް ކަނޑައަޅާފައިވާ އެމެރިކާގެ މަންދޫބު ޒަލްމާއި ޚަލީލްޒާދު ވަނީ ހަތަރު ޤައުމަކަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވާފައެވެ.

މިދިޔަ އޮކްޓޯބަރުމަހު އެމެރިކާ އިސްކޮށް އޮވެ، ޤަތަރުގައި ބޭއްވި އަފްޣާނިސްތާނުގެ ސުލްޙައިގެ ވާހަކަތަކުގައި އެމެރިކާގެ ފަރާތުން އިސްކޮށް ހުންނެވީވެސް ޚަލީލްޒާދެވެ. އޭނާ ޒިޔާރަތްކުރައްވާ ޤައުމުތަކުގެ ތެރޭގައި ޤަތަރުގެ އިތުރުން ޕާކިސްތާން، އަފްޣާނިސްތާން އަދި ޔުނައިޓެޑް އަރަބް އިމަރޭޓްސް ހިމެނެއެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ ޚަލީލްޒާދުގެ ދަތުރުފުޅުގައި 13 ދުވަސް ހޭދަވާނެ ކަމަށާއި، އެހަތަރު ގައުމުގެ އިސްވެރިންނާ އޭނާ ބައްދަލުކުރައްވާނެ ކަމަށެވެ. ރަޝިޔާ މެދުވެރިއެއްގެ ބައި އަދާކޮށްގެން މޮސްކޯގައި ފެށި ސުލްޙައިގެ ވާހަކަތަކުގައި ބައިވެރިވުމަށް އެމެރިކާ ވަނީ ދެކޮޅު ހަދާފައެވެ.

ޠާލިބާނުންވަނީ އަފްޣާން ސަރުކާރާއެކު ސީދާ ގޮތެއްގައި ސުލްޙައިގެ ވާހަކަތައް ދެއްކުމަށް ދެކޮޅު ހަދަފައެވެ. ބަދަލުގައި ތާލިބާނުން ބޭނުންވަނީ، އެ ޖަމާޢަތާ ދެކޮޅަށް އަފްޣާނިސްތާނުގައި ހަނގުރާމަކުރާ އެމެރިކާއާ ވާހަކަދައްކައިގެން އަފްޣާނިސްތާނުން އެމެރިކާގެ ސިފައިން ބޭލޭނެ ގޮތެއް ހޯދުމެވެ. ޠާލިބާނުން ސިޔާސީ ޖަމާޢަތަކަށް ބަދަލުވުމަށް އެމެރިކާ އާއި އަފްޣާން ސަރުކާރުން ހުށަހެޅި ހުށަހެޅުންތަކަށް އިޖާބަދިނުމަށްވެސް އެ ޖަމާއަތުން ވަނީ ދެކޮޅު ހަދާފައެވެ.