ޚަބަރު

ރައްޔިތުންގެ އަޑު އުފުލަން ފުރުޞަތު ދޭންޖެހޭކަމަށް ރާޖަޕަކްސަ ވިދާޅުވެއްޖެ


ރައްޔިތުންގެ އަޑު އުފުލާނެ ފުރުޞަތު ދިނުމަކީ، ޤައުމުގެ ލީޑަރުންގެ ޙައިސިއްޔަތުން އެ ބޭފުޅުން އުފުއްލަން ޖެހިވަޑައިގަންނަވާ ޒިންމާއެއް ކަމަށާއި، ސްރީލަންކާގައި ހަމަޖެހުން ދެމެހެއްޓޭނީ ޢާއްމު އިންތިޚާބެއް މެދުވެރިކޮށް ރައްޔިތުންގެ އަޑު އިއްވައިގެން ކަމަށް، ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާ ވިދާޅުވެއްޖެއެވެ. ރާޖަޕަކްސަ މި މޭރުމުން ޓްވީޓްކުރައްވާފައިވަނީ، ސްރީލަންކާގެ ރައީސް މައިތިރިޕަލަ ސިރިސޭނާ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލިސް އުވާލައި އަވަސް އިންތިޚާބަކަށް ދިޔުމަށް ނިންމަވާފައިވާ ދަނޑިވަޅެއްގައެވެ.

ހޮނިހިރު ވިލޭރޭ 12 ގެ ފަހުން ޤާނޫނު ހަދާ މަޖިލިސް އުވާލުމުގެ ޤަރާރެއްގައި ސިރިސޭނާ ވަނީ ސޮއިކުރައްވާފައިވާ ކަމަށާއި، މިއާއެކު އަންނަ ޖަނަވަރީ މަހުގެ އެކެއްގައި ސްރީލަންކާގެ ބަރުލަމާނީ އިންތިޚާބު އޮންނާނެ ކަމަށް ސަރުކާރުން މަޢުލޫމާތުދެއެވެ. ރައީސް ސިރިސޭނާ މިގޮތަށް ނިންމެވީ އޭނާ ދާދިފަހުން ބޮޑުވަޒީރުކަމަށް އައްޔަން ކުރެއްވި މަހިންދަ ރާޖަޕަކްސަގެ ސަރުކާރަށް މަޖިލީހުގެ އަޣުލަބިއްޔަތު ނުލިބޭނެކަން ކަށަވަރުވުމުންނެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 26 ގައި ރަނިލް ވިކްރަމަ ސިންހަ ބޮޑުވަޒީރުކަމުން ދުރުކުރުމަށްފަހު، މަޖިލީހުގެ މަސައްކަތް ވަގުތީގޮތުން ހުއްޓުވުމުގެ ރިޔާސީ އަމުރެއް ސިރިސޭނާ ނެރުއްވީ މަޖިލީހުގެ ރުހުން ރާޖަޕަކްސަގެ ސަރުކާރަށް ލިބޭ ވަރަށް މެންބަރުން ހޯދުމުގެ މަސައްކަތްކުރަމަށްޓަކައެެވެ.
އެހެންނަމަވެސް ރަނިލްއަށް ތާއީދުކުރާ މެންބަރުންގެ ޢަދަދު މަޖިލީހުގައި ގިނަވެފައި މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިޔާއަކީވެސް ރަނިލްގެ ޔޫއެންޕީ އަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެއްކަމުން ރާޖަޕަކްސަގެ ސަރުކާރަށް މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުމުގައި ސިރިސޭނާއަށް ކާމިޔާބު ލިބިވަޑައިނުގެންނެވީ ކަމަށް، ނަން ހާމަކުރަންނޭދޭ، ސިރިސޭނާގެ ގާތްބޭފުޅަކު ވިދާޅުވިއެވެ. އަދި ރަނިލް މަގާމުން ދުރުކޮށް ރާޖަޕަކްސަ ބޮޑުވަޒީރުކަމަށް އައްޔަންކުރުމާގުޅިގެން ސްރީލަންކާގައި އުފެދިފައިވާ ސިޔާސީ މައްސަލަ ދެން ޙައްލުކުރެވޭނީ އަވަސް އިންތިޚާބަކަށް ގޮސްގެންކަން ސިރިސޭނާއަށް މިހާރު ކަށަވަރުވެ ވަޑައިގެންފައިވާކަމަށްވެސް ނަން ހާމަކުރަންނޭދޭ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.

މަޖިލީހުގައި ރަނިލްގެ ސިޔާސީ ބާރު މިހާރު ގަދަ ނަމަވެސް ރަނިލްގެ ވެރިކަމުގައި ސްރީލަންކާގެ ތަރައްޤީގެ މަޝްރޫޢުތައް މަޑުޖެހުމާއި ފައިސާގެ އަގު ވެއްޓުމާއި އިންފްލޭޝަން މައްޗަށް ދިޔުމާއެކު ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވުންފަދަ އިޤްތިޞާދީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެގެން ދިޔުމުން ރައްޔިތުންގެ ތާއީދު މިހާރު ބޮޑީ ރާޖަޕަކްސައަށް ކަން އެކި ގޮތްގޮތުން ހާމަވާކަމަށް ޚަބަރުތައް ބުނެއެވެ.
އެހެންކަމުން އާންމު އިންތިޚާބެއް ބާއްވައިފިނަމަ ސިރިސޭނާއާއި ރާޖަޕަކްސަގެ ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް މަޖިލީހުގެ ތަނަވަސް އަޣުލަބިއްޔަތެއް ލިބި ރަނިލް އާއި އޭނާއާ ގުޅިފައިވާ ޕާޓީތައް އިންތިޚާބުގައި ބަލި ވެގެންދާނެކަމަށް ސިރިސޭނާ ދެކެވަޑައިގަންނަވައެވެ. ކުރިން ހަމަޖެހިފައިއޮތީ ދައުރު ފުރިހަމަ ކުރުމަށްފަހު 2020 ވަނަ އަހަރު އާއްމު އިންތިޚާބު ބޭއްވުމަށެވެ.

އެހެންނަމަވެސް މިހާރުމިވަނީ އަންނަ ޖަނަވަރީގައި އިންތިޚާބު ބާއްވާގޮތަށް ހަމަޖެހިފައެވެ. ސްރީލަންކާގެ ސިޔާސީ މަސްރަޙް ބަދަލުކޮށްލުމަށް މަގުފަހިވީ މިދިޔަ ފެބްރުއަރީމަހުގެ 10 ގައި ސްރީލަންކާގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ރާޖަޕަކްސަގެ ޕާޓީކަމަށްވާ "ސްރީލަންކާ ޕޮޑުޖަނާ ޕެރަމުނާ ޕާޓީ" ހޯދި ތަނަވަސް އަޣްލަބިއްޔަތުގެ ސަބަބުންނެެވެ.