ޚަބަރު

ދެ ދޯނި ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ


ނ.އަތޮޅު “ވިހަފަރު” ފަޅު ކައިރިން ދެ ދޯނި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 78 އަހަރުގެ މީހަކު ނިޔާވެ، އިތުރު މީހަކަށް އަނިޔާވެއްޖެއެވެ.މިއަދު ހެނދުނު 06:20 ހާއިރު ހިނގި މި އެކްސިޑެންޓުގައި އަނިޔާވި 77 އަހަރުގެ މީހާއަށް މިހާރު ނ. ވެލިދޫ ސިއްޙީ މަރުކަޒުން ފަރުވާދިނުމަށްފަހު އިތުރު ފަރުވާދިނުމަށްޓަކާ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.މި އެކްސިޑެންޓްގައި ނިޔާވެފައިވާ މީހާއާއި އަނިޔާވި މީހާއަކީ އެންދަމަން ނިކުތް “ކިރުދޫނި” ދޯނީގައި ތިބި ދެމީހުންނެވެ.މިހާތަނަށް ބެލި ބެލުމުން މި އެކްސިޑެންޓް ހިނގާފައިވަނީ ނ.އަތޮޅު “ވިހަފަރު” ފަޅު ކައިރިއަށް އެންދަމަން ދިޔަ ނ.ވެލިދޫ “ކިރުދޫނި” ދޯނި، އެ ފަޅުކައިރީ ކަނޑުގައި އަޅާފައި އޮތް “ގުރުވަ” ނަމަކަށް ކިޔާ ކަންނެލި މަސްވެރިކަން ކުރާ ދޯންޏެއްގައި ޖެހިގެންކަމަށް ފުލުހުން މައުލޫމާތުދެއެވެ..ދެ ދޯނި ޖެހި  ހިނގި މި އެކްސިޑެންޓާއި ގުޅިގެން “ކިރުދޫނި” ދޯނި އެވަގުތު ދުއްވަން ހުރި 67 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކުޑަކަމުދާ ތަކެތި ނަގާ ތަޙުލީލުކުރުމުން މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.މި އެކްސިޑެންޓްގައި “ކިރުދޫނި” ދޯންޏަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު “ގުރުވަ” ދޯންޏަށް އެކިވަރުގެ ގެއްލުން ވެފައިވެއެވެ. މި އެކްސިޑެންޓްގެ މައްސަލަ ނ.ވެލިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤް ކުރަމުންނެވެ.